02 Mar 2015, 12:12
ގާނޫނު އަސާސީ ހިމާޔަތްކޮށް ގާނޫނުތަކުގެ ބާރާއި ހުރުމަތް ރައްކާތެރި ކުރުމަށް ޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2015 އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަރުވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގެ ބާރާއި ހުރުމަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން މެންބަރުންނަށް އަރުވަން،" ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމާއި ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ވޭތުވެ ދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ މަދަނީ އަދުލުގެ ނިޒާމާއި ޝަރީއަތް ކުރުމުގެ ނިޒާމު އިސްލާހުކުރުމަށް ޓަކައި މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ ކަމަށެވެ.
"ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ބަދަލުގައި އެކަމަށް އެކަށީގެންވާ މަދަނީ އިޖުރާތު ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ނިމި، ބިލު މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ހާރިޖީ ދާއިރާ އިން ކުރިއެރުންތަކެއް ހޯދާފައި ވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، "ވޭތުވެ ދިޔަ އަހަރަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ ނަންވިދާލި" އަހަރެއް ކަމަށެވެ. އެގޮތުން އަރަބި ގައުމުތަކާއި އަރަބި އިސްލާމީ ގައުމުތަކާ އެކު ކުރީ އޮތް އުސްމިނަށް އަލުން އުފުލާ ލުމަށް ވޭތުވެ ދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ބޭރުގެ އިއްޒަތްތެރިން ރާއްޖެ އަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ހާރިޖީ ގުޅުންތައް ހަރުދަނާ ކުރުމަށް ޓަކައި އެކުވެރި ދައުލަތްތަކުން ދެއްވި ދައުވަތުތަކަށް މިދިޔަ އަހަރު ފުރަމާނަ އަދި ރަސްމީ ދަތުރުތަކެއް ކުރެއްވިން އަދި ގައުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އެއްބަސްވުންތަކެއް އިންޑިއާ އާއި ސްރީލަންކާ ޖަޕާނު އަދި ޗައިނާ ފަދަ ގައުމުތަކާ އެކު ސޮއިކުރެވި ތަންފީޒުކުރަން ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ މިއަހަރަކީ ވެސް "އިރާދަކުރެެއްވިއްޔާ ރައްޔިތުންނަށް ވެފައިވާ ވައުދުތަށް ފުއްދައިިދޭނެ އަހަރަކަށް މި އަހަރު ވެސް ވެގެން ދާނެ،" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވި ވަގުތު އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ މެންބަރުން ވަނީ ކުރީގެ ރައީސް ނަޝީދު އާއި ކާނަލް ނާޒިމް ދޫކޮށްލުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށްފަ އެވެ. އެހެންނަމަވެސް ރައީސް ޔާމީން ވަނީ ރިޔާސީ ބަޔާން ހުއްޓާނުލާ ކުރިއަށްގެންގޮސް ނިންމަވާލައްވައިފަ އެވެ.