02 Mar 2015, 11:41
މުނިފޫހި ފިލުވުމުގެ ތެރެއިން އުނގެނުމަށްޓަކައި ކުޑަކުދިންނަށް ހާއްސަ ޓީވީ ޗެނަލް "ޒޫމޫ" މީޑިއާނެޓުން ތައާރަފުކޮށްފި އެވެ.
ކަލާފާނު ސްކޫލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ޗެނަލް ތައާރަފުކޮށްދެއްވާފައިވަނީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫނެވެ.
މީޑިއާނެޓުން މިއަދު ތައާރަފު ކުރި ޗެނަލަކީ ހަމަ އެކަނި ކުޑަ ކުދިންނާ ގުޅޭ ޕްރޮގްރާމްތައް ދައްކާ ޗެނަލެއް ނޫން ކަމަށް މީޑިއާ ނެޓުން ވަނީ ބުނެފައެވެ. އެ ޗެނަލުން ކުޑަކުދިންގެ ފްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުތައް ކުޅުމާއި އިތުރަށް ތައުލީމު ލިބިދޭ މުނިފޫހިފިލުވުމުގެ މައުލޫމާތުތައް ވެސް ހިމެނޭނޭ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.
އުމުރުން ތިން އަހަރާއި ހަތް އަހަރާ ދެމެދު އުމުރުގެ ކުދިންނަށް ހާއްސަ އެ ޗެނަލް އަކީ ހުރިހާ އުމުރެއްގެ ފަރާތްތަކަށްވެސް ކަމުދާނެ ޗެނަލެއް ކަމަށް މީޑިއާނެޓުން ބުންޏެވެ.
މީޑިއާނެޓުގެ ހުރިހާ ޕެކޭޖެއްގައި ހިމެނޭ އެޗެނަލްގެ ސަބަބުން ޕެކޭޖުތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް މީޑިއާނެޓުން މައުލޫމާތު ދެއެވެ. އެޗެނަލްގެ ހިލޭ އެޕްލިކޭޝަންވެސް ގޫގަލް ޕްލޭސްޓޯ އިންނާއި އެޕްސްޓޯ އިން ލިބޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.
އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ޔުމްނާ ވިދާޅުވީ، ތުއްތު އުމުރަކީ ކުދިންނަށް ފެންނަ މަންޒަރުތަކުން ގިނަ ކަންތައްތަކެއް ދަސްވާ އުމުރެއް ކަމަށާއި އެގޮތުން މީޑިއާނެޓުން އަލަށް ތައާރަފްކުރި އެ ޗެނަލްގެ ސަބަބުން ކުދިންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
މީޑިއާނެޓުން ބުނީ އެ ޗެނަލްގެ އިތުރުން އިތުރު ޗެނަލްތަކެއް މިއަހަރު ދޫކުރަން ފަށާނެ ކަމަށެވެ.
ރަސްމިއްޔާތަށް ފަހު މީޑިއާނެޓުން ވަނީ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ.