އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި 2-0 ގެ ނަތީޖާއަކުން ޓޮޓަންހަމްގެ މައްޗަށް ކުރި ހޯދައި، ޗެލްސީ މި ސީޒަންގައި އެ ޓީމްގެ ފުރަތަމަ ތަށި އުފުލާލައިފި އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގައެވެ. ޗެލްސީއަށް ލިބުނު ހިލޭ ޖެހުމެއް ސާފުކޮށްލަން ޓޮޓަންހެމްގެ ޑިފެންސް ނުކުޅެދުމުން، އެ ފުރުސަތުގެ ބޭނުން ހިފައި، ޗެލްސީއަށް މެޗުގެ ލީޑު ހޯދައިދިނީ އެ ޓީމްގެ ކެޕްޓަން ޖޯން ޓެރީ އެވެ.

ޗެލްސީގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 56 ވަނަ މިނެޓުގައެވެ. އެ ޓީމްގެ ފޯވާޑް ޑިއޭގޯ ކޯސްޓާ ފޮނުވާލި ބާރު ޝޮޓު ޓޮޓެންހަމްގެ ގޯލްތެރެއަށް ވަނީ އެޓީމުގެ ޑިފެންޑަރު ވޯކަރގެ ގައިގައި ޖެހިފައެވެ.

މެޗު ރަނގަޅު ފޯމެއްގައި ފެށި ޗެލްސީގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ ދެވަނަ މިނެޓުގައެވެ. ވިލިއަން ނަގައިދިން ހުރަހަކުން ޓެރީ ކުރިއަށް ފޮނުވާލި އެ ހަމަލާ ދިފާއު ކުރީ ޓޮޓެންހަމްގެ ކީޕަރު ހިއުގޯ ލޮރިސް އެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި ޗެލްސީގެ އެރިކްސަން ފޮނުވާލި ބާރު ޝޮޓު އަމާޒުވީ ޓޮޓެންހަމް ގޯލުގެ ހުރަސް ދަނޑިއަށެވެ.

ފުރަތަމަ ހާފްގައި ޗެލްސީގެ ވިލިއަން އެ ޓީމްގެ ހަޒާޑަށް ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްދިން އިރު، ހަޒާޑް އުފެއްދި ޝޮޓު ދިފާއު ކުރީ ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑިއަރ އެވެ. އަދި އެ ހާފްގައި ޗެލްސީގެ ޓޮޕް ސްކޯރަރ ކޯސްޓާ އަށްވެސް ދެ ފުރުސަތެއް ލިބިގެން ދިޔައިރު، އެ ފުރުސަތުތަކުގެ ބޭނުން އޭނާއަށް ވަނީ ހިފޭގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމްއަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭގޮތް ނުވިނަމަވެސް، ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު އެ ޓީމް ވަނީ ބޯޅަ ހިފައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެ ހާފްގައި ޗެލްސީ ލީޑު ފުޅާކޮށްލުމުން، އެ ޓީމް ވަނީ ހިތްވަރު އެލިފައެވެ.

ދެވަނަ ހާފްގައި ޓޮޓެންހަމްއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ފެނިގެން ދިޔައީ 77 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ބޯޅަ ކޭންގެ ބޮލުން ޖައްސައި ލަމޭލާއަށް ދިން ނަމަވެސް، އޭނާއަށް ވަނީ ބޯޅަ ކުރިއަށް ފޮނުވާލެވޭގޮތް ނުވެފައެވެ.

މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައީ ޗެލްސީ އެވެ. ޓޮޓެންހަމް އުފައްދަމުން ދިޔަ ހަމަލާތައް އެ ޓީމްގެ ޑިފެންސް ލައިނުން ހުށިޔާރު ކަމާއެކު ދިފާއު ކުރަމުން ދިޔައިރު، އެ ޓީމްގެ ފޯވާޑް ލައިނާއި މިޑްފީލްޑުގައި ހަޒާޑް އާއި ފެބްރިގާޒް ދިޔައީ ޓޮޓެންހަމްގެ ގޯލަށް ނުރައްކާކުރަމުން ނެވެ.

އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނަސް، ޗެލްސީ މެޗު ނިންމާލީ އެ ޓީމް ހޯދި ލީޑު ދަމަހައްޓަމުންނެވެ.