އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އާސެނަލް ލީގު ތާވަލްގެ ތިންވަނައަށް ޖެހިލިއިރު، ލިވަޕޫލް 2-1ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައިފި އެވެ.

ރޭ ހޯދި ކާމިޔާބީ އާއެކު އާސެނަލް ވަނީ މިހާތަނަށް ލީގުގައި 51 ޕޮއިންޓް ހޯދާފައެވެ. އަދި އެ ޓީމާ ދެމެދު އެއް ޕޮއިންޓުގެ ފަރަގެއް އޮތް މެންޗެސްޓާ ޔުނައިޓަޑް މިހާރު ތާވަލްގެ ހަތަރު ވަނައިގައި އޮތްއިރު، ރޭގެ ކާމިޔާބީއާއެކު ލިވަޕޫލް ވަނީ ލީގުގައި މިހާތަނަށް 48 ޕޮއިންޓް ހޯދައި، ތާވަލްގެ ފަސްވަނައަށް ޖެހިލާފައެވެ.

ރޭ އާސެނަލް އާއި އެވަޓަން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، އެ ހާފްގައި އެވަޓަންގެ އެންމެ ނުރައްކާތެރި ހަމަލާ ފެނިގެން ދިޔައީ 17 ވަނަ މިނެޓުގައެވެ. ނަމަވެސް ރޮމެލޫ ލުކާކޫ އުފައްދަން މަސައްކަތްކުރި އެ ހަމަލާ އާސެނަލްގެ ކީޕަރު އޮސްޕީނާ ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.

އާސެނަލްއަށް މެޗުގެ ލީޑު ހޯދައިދިނީ 30 ވަނަ މިނެޓުގައި އޮޒިލް ނަގައިދިން ކޯނަރަކުން އެ ޓީމްގެ ފޯވާޑް އޮލީވިއާ ޖިރޫ އެވެ. އާސެނަލްގެ ލީޑާއެކު އެ ޓީމް ޑިފެންސަށް ބޮޑަށް އިސްކަން ދިންތަން ފެނިގެން ދިޔައިރު، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ އެވަޓަން އެވެ.

ދެވަނަ ހާފްވެސް ރަނގަޅު ފޯމެއްގައި ފެށީ އެވަޓަން އެވެ. ނަމަވެސް އާސެނަލްގެ ޑިފެންސް ލައިންގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ކޮޝިލްނީ އާއި ގެބްރިއެލް ވަނީ އެވަޓަންގެ ހަމަލާތައް ހުނަރުވެރިކަމާއެކު ހުއްޓުވާފައެވެ.

ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު ޑިފެންސަށް އިސްކަން ދީގެން ކުޅުނު އާސެނަލް ކުރިއަށް ޖެހިލައި، ހަމަލާއަށް އިސްކަން ދޭން ފެށީ އެ ހާފްގެ ފަހުކޮޅު އެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގައި ތޯމަސް ރޮސިސްކީ ކާމިޔާބު ކުރި ލަނޑާއެކު، މެޗުގެ ތިން ޕޮއިންޓް އާސެނަލް ވަނީ ކަށަވަރު ކޮށްފައެވެ.

ލީގުގައި ރޭ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ލީޑު ފުރަތަމަ ނެގީ ލިވަޕޫލް އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގްގެ އެސިސްޓަކާއެކު ލިވަޕޫލަށް ލީޑު ހޯދަދިނީ ޖޯޑާން ހެންޑަސަން އެވެ.

ލިވަޕޫލް މެޗުގެ ލީޑު ހޯދި ނަމަވެސް، ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޑިން ޒެކޯ ކާމިޔާބު ކޮށްދިން ލަނޑާއެކު ސިޓީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، އެ ހާފްގައި ދެ ޓީމަށްވެސް މާ ނުރައްކާތެރި އިތުރު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފް ރަނގަޅު ފޯމެއްގައި ފެށީ ސިޓީއެވެ. އަދި އެ ހާފްގެ ފުރަތަމަ ވަގުތުކޮޅު އެ ޓީމް ގޭމް ޑޮމިނޭޓް ކުރަމުން ދިޔައިރު، ލިވަޕޫލްވެސް ވަނީ ކައުންޓާގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދައި، މެޗުގައި ކުރި ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސިޓީގެ ނަސީބު ބަދަލުވީ މެޗުގެ 75 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ކޫޓީނިއޯ އަނެއްކާވެސް އެ ޓީމަށް މެޗުގެ ލީޑު ހޯދަދިނުމުންނެވެ.

ލިވަޕޫލް ލީޑު ނެގުމުން ސިޓީ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އަދި މެޗުގެ ފަހު މިނެޓާ ހަމައަށްވެސް އެ ޓީމް ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔަ ނަމަވެސް، އެ ޓީމަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ.