ތެރެހާން (މާޗް 2): އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލުކުރުމަށްޓަކައި ހުޅަނގާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމަށް މަގުފަހިކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހުޅަނގުން އެޅުމަށް އީރާނުގެ ރައީސް ހަސަން ރޫޙާނީ ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.

އީރާނަށް ވަޑައިގެން އުޅުއްވާ އިޓަލީގެ ޚާރިޖީ ވަޒީރު ޕައުލޯ ޖިންޓިލޯނީ އާ ތެހެރާންގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޙަސަން ރޫޙާނީ ވިދާޅުވީ، އީރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އެއްފަހަރާ ނައްތާލުމުގެ ހިތްވަރު ހުޅަނގުގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށެވެ. އަދި މިފަދަ ހިތްވަރު ހުޅަނގުގެ ކިބައިގައި ހުރުމަކީ މިފަދަ އެއްބަސްވުމަކަށް ދިޔުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ރޫޙާނީ ވިދާޅުވި އެވެ.

މީގެއިތުރުން އީރާނާއި ހުޅަނގާ ދެމެދު އެއްބަސްވުމަކަށް އައުމަށްޓަކައި ބައިނަލްއަގްވާމީ ގާނޫނުތަކާއި މުޢާހަދާތަކުގެ ދަށުން އީރާނަށް ލިބިފައިވާ ނިއުކްލިއަ ހައްގުތައް ނިގުޅައިގަތުމަށް އީރާނަށް މަޖްބޫރުކުރަން މަސައްކަތް ނުކުރުމަށާއި މިކަން އެއްވެސް ޙާލެއްގައި އީރާން ގަބޫލުނުކުރާނެ ކަމަށްވެސް ރޫޙާނީ ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި އެދެބޭފުޅުން މަޝްވަރާކުރެއްވީ އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލު ކުރުމާބެހޭގޮތުން ހުޅަނގާއި އީރާނާ ދެމެދު ކުރިޔަށްދާ ވާހަކަތަކުގެ އިތުރުން އިޓަލީއާއި އީރާނުގެ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތަކާބެހޭގޮތުން ކަމަށް އީރާނުގެ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ. (އަލްޢާލަމް)