16 Feb 2011, 10:00
ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ވެބްސައިޓް ރޭ ހެކުކޮށްފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ، އެމްއެންޑީއެފްގެ ވެބްސައިޓް ހެކްކޮށްފައިވާކަން ނޯޓިސްވީ ރޭ ދަންވަރު ކަމަށާއި މިއީ އެ ވެބްސައިޓު ހެކުކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އަބްދުﷲ އިތުރަށް ވިދާޅުވީ، އެމްއެންޑީއެފްގެ ވެބްސައިޓް ތައާރަފްކުރީ މީގެ ހަތަރު ފަސް އަހަރެއް ކުރިން ކަމަށާއި އެމެރިކާގެ ކުންފުންޏަކާ ކޮންޓްރެކްޓް ހަދައިގެން އެ ވެބްސައިޓްގެ ސެކިއުރިޓީ ވަރުގަދަކޮށް، އަޕްގްރޭޑްކުރިތާ އަހަރެއް ވެދާނެ ކަމަށެވެ.
"ސެކިއުރިޓީ ވަރުގަދަވާނެ އެ ވެބްސައިޓުގައި. އަޅުގަނޑުމެންގެ އައިޓީ ޑީޕާޓްމަންޓާއި ޓީމެއް ގުޅިގެން މިހާރު އެބަ އުޅޭ އެކަން ބަލައި ރަނގަޅުކުރަން،" އަބްދުﷲ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ވެބްސައިޓް، ޑަބްލިއު.ޑަބްލިއު.ޑަބްލިއު.އެމްއެންޑީއެފް.ގަވް.އެމްވީ އަށް ވަނުމުން މިހާރު ހަމައެކަނި ފެންނަނީ "ހެކްޑް ބައި ދަ ޕްރޯ (ސީރިއަން ހެކާ)" ލިޔެފައިވާ މެސެޖެކެވެ.