ނިއުދިއްލީ (މާޗް 2) : ކުރިޔަށްއޮތް މާލީ އަހަރަށް އިންޑިޔާ ސަރުކާރުން އެކުލަވާލި ބަޖެޓްގައި 4000 މެގަވޯޓުގެ ކަރަންޓް އުފެއްދުމާއި 11.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އިންފްރާސްޓްރަކްޗާ މަޝްރޫޢުތައް ހިމެނޭ ކަމަށާ ބަޖެޓްގައި އެންމެ ބޮޑަށް އިސްކަން ދީފައި ވަނީ ފަގީރުންގެ ޙާލަތު ރަނގަނޅު ކުރުމަށާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކަމަށް އިންޑިޔާގެ މާލީ ވަޒީރު އަރޯން ޖެއިޓްލީ ވިދާޅުވެއްޖެ އެވެ.
އިންޑިޔާ އައު ބަޖެޓްގައި ހިމެނޭ ބައިތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޖެއިޓްލީ ވިދާޅުވީ އިންޑިޔާގެ 30 ޕަސެންޓް ރައްޔިތުންނަކީ ފަގީރުން ކަމަށާއި އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަނޅު ކުރުމަށް ބީޖޭޕީ ސަރުކާރުން އިސްކަންދޭ ކަމުގަ އެވެ. އަދި އިންޑިޔާގެ އުމްރާނީ ތަރައްގީގެ އައު މަރްޙަލާއަކަށް ގެންދިޔުމަށް ޓަކައި އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ވެސް އައު ބަޖެޓްގައި ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ފަގީރުންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖެއިޓްލީ ވިދާޅުވީ ފަގީރުންނަށް ސަބްސިޑީތަކާއި ގެދޮރުގެ މަޝްރޫޢުތަކާއި ކަރަންޓް ފޯރުކޮށްދިނުމުގެ މަޝްރޫޢުތަކުގެ އިތުރުން ކުރިން ނުލިބޭ މާލީ އެތައް ފަސޭހަތަކެއް ކުރިޔަށްއޮތް ބަޖެޓްގައި ހިމަނާފައިވާނެ ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން އިންޑިޔާގެ މުޖްތަމަޢުން އެބްޒެލިއުޓް ޕަވަޓީ ގެ ހާލަތަށް ނިސްބަތްވާ މީހުން ނެތިގެންދާ ހިސާބަށް ހާލަތު ރަނގަނޅުވެ ސަލާމް ޖަހާމީހުން ގެ އަދަދު ވެސް މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އިންޑިއާ އަށް ކުރިމަތިވެފައިވާ އިންފްލޭޝަނުގެ މައްސަލަ ކޮންޓްރޯލް ކުރުމަށާއި ބޭރުގެ އިންވެސްޓްމަންޓްތަކުން ދައުލަތަށް ނަގާ ޓެކްސްގެ މިންވަރު ދަށްކުރުމަށް ބޭނުންވާ ޚަރަދުތައް ވެސް އައު ބަޖެޓްގައި ހިމެނޭތީ މިއީ ބޭރުގެ އިންވެސްޓަރުން އިންޑިޔާއަށް ގެނައުމަށް ބާރުއަޅާނެ ބަޖެޓެއްކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ މިއަހަރުގެ ބަޖެޓާ އެކު އެގައުމުގެ އިގްތިސާދީ ކުރިއެރުން އަށް ަޕަސެންޓްގައި މައްޗަށްދާނެ ކަމަށް އެގައުމުގެ މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
(ރޮއިޓާސް)