Last Updated:
1 decade 9 month ago

ހަލަބޮލިކޮށްލި ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވައިފި

    ބުލޮގު ޚުލާސާ
    ރައްޔިތުންގެ މަޖިލީހުގެ 2015 ވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ރައީސް ރިޔާސީ ބަޔާން އިއްވުމަށްް ބާއްވާ ޖަލްސާގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!

    ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާދެއްވުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ މިއަދު ހެނދނު 10:00 ގައި ފަށާނެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާނެ.

    11:15

    ރިޔާސީ ބަޔާން އިއްވުމާ ގުޅިގެން ޕީޕީއެމްއާއި އެމްޑީއޭގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން ރައީސް ޔާމީނަށް މަރުހަބާ ދަންނަވައިފި
    10:48

    ރިޔާސީ ބަޔާން އިއްވެވި ވަގުތު، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ/ޖޭޕީ ޕާލިމަންޓް މެންބަރުން ހިންގަވަމުން ގެންދެވި ނާތަހުޒީބު އަމަލާއެކު ވެސް ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވައިފި ކަމަށާއި އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ޗެމްބަރުން ފިއްލެވީ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ލީޑަރު އަހްމަދު އަދީބު ޓްވީޓެއް ކުރައްވައިފި.
    10:29

    މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވި.
    10:27

    ދިވެހި އުންމަތް އަބަދާއަބަދު ސަލާމަތުގައި ލެއްވުމަށް އެދި ދުއާކުރަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލިސް ނިންމަވާލައްވައިފި.
    10:27

    ހަލަބޮލިކަމުގެ ތެރޭގައި ރިޔާސީ ބަޔާން އިއްވަވައި ނިންމައިފި.
    10:27

    އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޓްވިޓާ މެދުވެރިކުރައްވައި ވިދާޅުވީ، "ރައީސް ޔާމީން މިހާރު އެ އިހްސާސް ކުރައްވަނީ ވެރިކަން ގެނައި ކޯލިޝަން ރޫޅާލުމުގެ ހިތިކަން" ކަމަށް.
    10:24

    ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ރައީސް ޔާމީން ވިދާޅުވި.
    10:22

    ސަރުކާރާ އެއްކޮޅު މެންބަރުން ދަނީ ކުރީގެ ރައީސް ނަޝީދާ ދެކޮޅު ޕޯސްޓަރުތައް ހިފައިގެން ނަޝީދާ ދެކޮޅަށް އަޑުއުފުއްލަވަމުން. އެ ޕޯސްޓަރުތަކުގެ ތެރޭގައި ނަޝީދަކީ ހިޔާނަތް ތެރިއެއް ކަމަށާއި އޭނާގެ މައްޗަށް ޝަރީއަތް ކުރެވެން ޖެހޭނެ ކަމަށް ބުނެފައިވޭ.
    10:21

    9.8 ބިލިއަން ރުފިޔާގެ ފޮރިން އިންވެސްޓްމަންޓް މިއަހަރު ތެރޭގައި ރާއްޖޭ އަންނާނެ ކަމަށް ރައީސް ވިދާޅުވި. އެއީ މިދިޔަ އަހަރުގެ އާމްދަނީއަށްވުރެ 70 ޕަސެންޓް ކުރިއެރުމެއް ލިބޭނެ އިންވެސްޓްމަންޓުތަކެއް ކަމަށް ރައީސް ވިދާޅުވި.
    10:18

    ރައީސް ވިދާޅުވީ ސްޕޯޓްސް އެރީނާގެ މަސައްކަތުގެ ދަށުން 2000 މީހުންގެ އާބާދީގެ ރަށްތަކުގެ ތެރެއިން 36 ރަށެއްގައި ފުޓްބޯޅަ ދަނޑުތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނުނިމިހުރި ދަނޑުތަކުގެ މަސައްކަތް މިއަހަރު ނިންމާނެ ކަމަށް. ކުޅިވަރުގެ ފޯރި ރާއްޖޭގައި އިތުރު ކުރުމަށް ކުޅިވަރުގެ ގާނޫނެއް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
    ރައީސް ޔާމީން

    ހަ ރަށެއްގެ ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަސައްކަތް މިއަހަރުކޮށް ނިމޭނެ. ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށާއި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް އަމަލު ކުރަން ވަނީ ފަށާފައި. އާސަންދައިގެން ދަށުން ދޫކުރާ ބޭސްތަކާ ގުޅޭ ގޮތުން ބަދަލުތަކެއް ގެނައުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި. ދާއިމީ ގޮތެއްގައި ބޭސްތަކެއް ބޭނުން ކުރާ މީހުންނަށް އާސަންދައިގެން ދަށުން ހިލޭ ބޭސް ލިބޭނެ ގޮތް ހަދަން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން.
    10:13

    އެމްޑީޕީ މެމްބަރުން ދަނީ ހުއްޓުމެއް ނެތި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލަމުން
    10:12

    ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުއްވާލައްވާފައި. އެމަނިކުފާނު ވިދާޅުވީ 4 ހަތަރެއްގައި ބިން ހިއްކުމުގެ މަސައްކަތްކޮށްފައިވާ ކަމަށާއި މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށާއި 21 ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް.
    10:10

    ރިޔާސީ ބަޔާން އިއްވަވަން ފެށުމާއެކު މަޖިލިސް ހަލަބޮލިކޮށްލައިފި. ރައީސް ޔާމިން ދަނީ ހުއްޓުމެއް ނެތި ރިޔާސީ ބަޔާން އިއްވަވުން
    10:08

    ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް މަޖިލީހުގެ މެމްބަރުން ވަޑައިގެންނެވުމުން މަރުހަބާ ދަންނަވައިފި
    10:07

    މަޖިލިސް ފަށައިފި. ރިޔާސަތުގައި ބަލަހައްޓަވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
    10:02

    މިއަދު ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރެވިފައިވާ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަޑުއެއްސެވުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް މަޖިލީހަށް ވަޑައިގެންނެވި.
    10:01

    އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހާޒިރުވެފައިވަނީ ކުރީގެ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރުތަކާއި އެކު، ހުރިހާ މެންބަރުން އެކުގައި.

    އެމްޑީޕީން ހާޒިރުވި މެންބަރުންގެ ތެރޭގައި އެމްޑީޕީ ޖޭޕީން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ފުލުހުންގެ ބަންދުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ހިމެނިވަޑައިގަންނަވާ.

    އިދިކޮޅު ޕާޓީތަކުން ބުނެފަިއ ވަނީ ރިޔާސީ ބަޔާން އިއްވާ ވަގުތު އިހުތިޖާޖު ކުރާނެ ކަމަށާއި، ރިޔާސީ ބަޔާން އިއްވަން ރައީސް ޔާމީން އަށް "ފަސޭހައެއް ނުވާނެ" ކަމަށް.

    09:58މަޖިލިސް ސަރަހައްދުން

    ރިޔާސީ ބަޔާން އިއްވުމަށް ރައީސް ޔާމީން މަޖިލީހަށް ވަޑައިގެންފި.
    09:53

    ރައްޔިތުންގެ މަޖިލީހުގެ 2015 ވަނަ އަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން މިއަދު ބޭއްވުމަށް ހަމަ ޖެހިފައިވާ ޖަލްސާއަށް ޕާޓީތަކުގެ މެންބަރުން މަޖިލީހަށް ހާޒިރުވެއްޖެ.