އިނގިރޭސިވިލާތުގެ ބެންކެއް ކަމަށްވާ ބާކްލޭސް ބޭންކުން ޓްވިޓާ މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތެއް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް އެ ބެންކުން ބުނެފި އެވެ.

ޓުވިޓާ މެދުވެރިކޮށް ދުވާލަކަށް ފޮނުވޭނީ 1500 ޕައުންޑްކަަމަށް ބާކުލޭސް އިން ޑެއިލީ މެއިލް އަށް މައުލޫމާތުދީފައި ވެއެވެ.

ޓުވިޓާ މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރުމަށް ބާކުލޭސްގެ ބޭންކުގެ ކަސްޓަމަރަކަށް ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެ މީހަކީ އިނގިރޭސިވިލާތުގައި އުޅޭ މީހަކަށް ވާންޖެހެއެވެ.

ޑެއިލީ މެއިލްއަށް މައުލޫމާތު ދެމުން ބާކުލޭސް ބޭންކުން ބުނެފައި ވަނީ އެ އެޕްލިކޭޝަން ބޭނުންކުރަން ފަށާނީ މިމަހުގެ ދިހަ ވަނަ ދުވަހު ކަމަށެވެ. އަދި އެ އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށް އެ ބެންކުން ބުނެއެވެ.

އެ އެޕްލިކޭޝަން ފަރުމާ ކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އެ ބޭންކުން ބޭނުންކުރަމުން އަންނަ 'ޕިންގްއިޓް' އެޕްލިކޭޝަން އިތުރަށް ތަރައްގީކޮށްގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

'ޕިންގްއިޓް' އަކީ މޯބައިލް ނަމްބަރު ބޭނުންކޮށްގެން އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ބަދުލުކުރެވޭ ގޮތަށް އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. އެގޮތަށް ފައިސާ ބަދަލުކުރުމަށް އެކައުންޓް ނަމްބަރެއް ބޭނުމެއްނުވެއެވެ. އެ ބޭންކުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން 'ޕިންގްއިޓް' އެޕްލިކޭޝަން ބޭނުންކުރަމުންނެވެ.