02 Mar 2015, 09:23
ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި 250،000 ރުފިޔާ ލިބޭ ނޮވެލްޓީ ބުކްފެސްޓިވަލް ރޭ ހުޅުވައިފި އެވެ.
އަގުހެޔޮކޮށް އެއްތަނަކުން އެކިކަހަލަ ފޮތްތައް ކަސްޓަމަރުންނަށް ފަސޭހަ ކަމާ އެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ނޮވެލްޓީގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެ ބޮޑު ބުކްފެސްޓިވަލް މިއަހަރު ކުރިއަށްދާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމާއި ބިއްލޫރި މާލަމުގައެވެ.
ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން ވިދާޅުވީ، މިއަހަރުގެ ފެއާގައި ވެސް 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި ފެއާގެ ތެރޭގައި ކުރާ 20 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ނަސީބު ކޫޕަނެއް ލިބޭނެ ކަމަށެވެ.
އެހެން ފެއާތަކާ ހިލާފަށް މިފަހަރުގެ ފެއާގައި ހޮވާނީ އެންމެ ނަސީބުވެރިއެކެވެ. އެގޮތުން މުޅި ފެއާގެ ބައިވެރިންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް 250،000 ރުފިޔާގެ ފައިސާގެ އިނާމު ނޮވެލްޓީ ބުކްޝޮޕުން ވަނީ ހުށަހަޅާފައެވެ.
އާންމުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ނޮވެލްޓީ ބުކްފެއާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:40 އިން ރޭގަނޑު 12:00 އަށް ހުޅުވާއިރު، ހުކުރު ދުވަހު މެންދުރުފަހު 2:30 އިން ރޭގަނޑު 12:00 އަށް ހުޅުވާނެ އެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:30 އިން ރޭގަނޑު 12:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށް ނޮވެލްޓީ ބުކްޝޮޕުން މައުލޫމާތުދެ އެވެ.
ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ވެސް ހާއްސަ ވާހަކަ ފޮތްތަކާއި ދީނީ ފޮތްތަކުގެ އިތުރުން ތަފާތު މައުލޫމާތު ލިއްބައިދޭ ފޮތްތައްވެސް ލިބެން ހުންނަ އެ ފެސްޓިވަލް މިމަހު 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.