ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރިޔާސީ ބަޔާން އިއްވާ ވަގުތު މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ކުރުމަށް އެމްޑީޕީ-ޖޭޕީގެ މަޖިލިސް މެމްބަރުން ނިންމައިިވައިފި އެވެ.

ރައީސް ޔާމީން ރިޔާސީ ބަޔާން މަޖިލީހަށް އިއްވަވާ ވަގުތު، މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީ-ޖޭޕީގެ މަޖިލިސް މެމްބަރުން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށްފައި ވާތީ އާއި ސިޔާސީ ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ގޮވާލުމުގެ ގޮތުންނެވެ.

ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރާ ކަމަށް ބުނާ ކަންތައްތައް ހުއްޓުވުމަށް މަޖިލީހުގެ ތަޅުމުގައި އަޑުއުފުލުމަށް ވެސް އިދިކޮޅު ދެ ޕާޓީގެ މަޖިލިސް މެމްބަރުން ވަނީ އެއްބަސްވެފަ އެވެ. އަދި ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން "ނުކުޅެދިފައިވާ" ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރަން އެމްޑީޕީ އާއި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ އެއްބަސްވެފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުން މިއަދުގެ ޖަލްސާގައި އެ އިހުތިޖާޖު ކުރަން ނިންމީ އެ ދެ ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި ވަކިވަކިން ބޭއްވި ބައްދަލުވުމުގަ އެވެ.

ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވި ޖަލްސާގައި ރައީސް ޔާމީން-- ފައިލް ފޮޓޯ

ރައީސް ޔާމީން ރިޔާސީ ބަޔާން މިއަދު މަޖިލީހަށް އިއްވަވާއިރު، މިއީ އެމަނިކުފާނު އާ މަޖިލީހަށް އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. އެމަނިކުފާނު މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވެވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ އެމަނިކުފާނު މުލަކު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި މަޖިލީހެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުން، އަލަށް އިންތިހާބު ކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕީޕީއެމަށެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުންގެ އަދަދަކީ 51 އެކެވެ. އެއީ ޕީޕީއެމްގެ 46 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. ނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޕީޕީއެމުން ވަކިކުރެއްވުމުންނާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުން ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ އަދަދު 49 އަށް ވެއްޓޭނެ އެވެ.

އެމްޑީޕީ-ޖޭޕީ ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 32 ކެވެ. އެއީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 22 މެމްބަރުންނާއި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން، އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެވަޑައިގެން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު، އެމަނިކުފާނު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަން ޖެހިވަޑައިގެންނެވީ ވަރަށް "ދަތި ހާލުގަ" އެވެ. އެމަނިކުފާނު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަން ވަޑައިގެންނެވުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން މުޅި މަޖިލިސް ހަލަބޮލިކޮށް، މަޖިލީހުގެ ބައެއް ތަކެއްޗަށް ގެއްލުންވި އެވެ.
ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމަށްފަހު، އެ މަޖިލީހުގެ މެމްބަރުންނާއެކު ރައީސް ޔާމީން(ކ)-- ފައިލް ފޮޓޯ