01 Mar 2015, 23:06
ބޮޑު މުޒާހަރާގައި އިދިކޮޅު ފަރާތްތަކުން އުފުލާފައިވާ ޑިމާންޑުތައް ސަރުކާރަށް ރަސްމީކޮށް ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާ ބައްދަލު ކުރެއްވުމަށް އެމްޑީޕީ-ޖޭޕީން ހުށަހެޅުމުން ސަރުކާރު ހިންގާ ޕީޕީއެމުން މަރުހަބާ ކިޔައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ހަރަކާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުރަހީމް ވިދާޅުވީ އެމްޑީޕީ-ޖޭޕީން ސަރުކާރާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށް ވާނަމަ އެކަމަށް ޕީޕީއެމް އިން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެފަރާތްތަކުން ސަރުކާރަށް ކޮށްފައިވާ ޑިމާންޑުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.
"ކިހިނެއްތޯ ރައީސުލްޖުމްހޫރިއްޔާ އަށް ބަންދުގައި ހުރި ބަޔަކު ދޫކޮށްލާނީ. މިއީ އެބޭފުޅުން ކޮށްފައިވާ ޑިމާންޑުތައް. މިއީ އެއްވެސް އަސާސެއް ނެތް އެއްޗެއް ކަމަށް ހުދު ސަރުކާރުން ވެސް ވަނީ ބުނެފައި. ރައީސް ޔާމީނަކީ ރައީސް ނަޝީދު ކަންތައް ކުރައްވާހެން ކަންތައްތައް ކުރާ ބޭފުޅެއް ނޫން. އެހެންނަމަވެސް މި ސަރުކާރަކީ މަޝްވަރާގެ ރީތި އުސޫލުން ކަން ކުރަން ބޭނުންވާ ބައެއް،" އަބްދުރަހީމް ވިދާޅުވި އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ ބަޔާން އިއްވަވާ ވަގުތު އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ވަރަށް ފަސޭހައިން" ރައީސް ޔާމީން ރިޔާސީ ބަޔާން މާދަމާ އިއްވަވާނެ ކަމަށެވެ.
"އެބޭފުޅުން ވިދާޅުވަމުން ދަނީ އެބޭފުޅުން ނުކުމެ ތިބީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް. އެހެން ކަމަށް ވަންޏާ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެބަ ލާޒިމް ކުރޭ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވިގެންދާއިރު ރިޔާސީ ބަޔާނެއް އިއްވަން. އެހެންވެއްޖެއްޔާ ގާނޫނު އަސާސީގެ ދިފާއުގައި ނުކުމެ އުޅޭ ބަޔަކު ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދާ ކުރުމަކަށް ހުރަހެއް ނާޅާނެ،" އަބްދުރަހީމް ވިދާޅުވި އެވެ.
އަބްދުރަހީމް ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލިސް ހުޅުވިގެން ދާއިރު ރައީސް ޔާމީން ދެއްވާ ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅައިފި ނަމަ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ރިޔާސީ ބަޔާން އިއްވުމަށް "ފަސޭހަ" ނުވާނެ ކަމަށެވެ.
ޕީޕީއެމުން މިރޭ ބޭއްވި ހަރަކާތުގައި ޓްރެވެންޑްރަމުގައި އުޅޭ ދިވެހިންގެ ތެރެއިން 70 މީހަކު ވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފަ އެވެ. އެ ފޯމުތައް ޕީޕީއެމްއާ ހަވާލުކުރެއްވީ ޕީޕީއެމްއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ބޭފުޅެެއް ކަމަށްވާ އަލީ އާދަމް (އަލިބެ) އެވެ.
ޕީޕީއެމުން ބުނީ މިހާތަނަށް ޓްރެވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 275 މީހަކު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.