މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް މިހާރަށްވުރެން ‏‏ޚަރަދުކުޑަ އަދި ހަރުދަނާ ‏‏ނިޒާމެއްގެދަށުން ހިންގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.


ވަޒީރުންގެ މަޖިލީހުގައި އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ މަޖިލީހުގެ ‏‏ޖަލްސާއަށް ނޭޝަނަލް ޑްރަގް އެޖެންސީއިން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެން، މެމްބަރުން މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‏މިއަދުގެ މަޝްވަރާތަކުގައި، މިހާރުހުރި މަރުކަޒުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަ ‏‏ބޮޑުވުމާއި، މިހާރު އެތަންތަން ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ‏‏މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

‏މީގެއިތުރަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ‏‏ހުށަހަޅުއްވާފައިވާ 'ދޯހާ އެމެންޑްމެންޓް' ރާއްޖެއިން ރަސްމީކޮށް ބަލައިގަތުމާ ބެހޭގޮތުންވެސް ވަޒީރުންގެ ‏‏މަޖިލީހުގައި މަޝްވަރާކުރެވުނެވެ. އަދި، ކިޔޯޓޯ ޕްރޮޓޮކޯލުގެ ދަށުން ގާއިމްކުރެވިފައިވާ 'ދޯހާ ‏‏އެމެންޑްމެންޓް' ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ބަލައިގަތުމަށް ‏‏ފެނިވަޑައިގަންނަވާކަމަށް ‏ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‏'ދޯހާ އެމެންޑްމެންޓް' އަކީ، ރާއްޖެއިން ބައިވެރިވެ ތަސްދީގުކޮށްފައިވާ މޫސުމަށް އަންނަ ‏‏ބަދަލުތަކާބެހޭ ބައިނަލްއަގުވާމީ މުޢާހަދާއެއްކަމުގައިވާ 'ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ‏‏ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް' (ޔޫއެންއެފްސީސީސީ) އާއި މި މުޢާހަދާގެ ދަށުން ‏‏އެކުލަވާލެވިފައިވާ ކްޔޯޓޯ ޕްރޮޓޮކޯލަށް އުނިއިތުރު ގެނައުމުގެ ދެވަނަ މަރުޙަލާ (ސީޕީ2) އެވެ. ‏