ސޮނީ ކުންފުނީގެ ރާއްޖޭގެ ފުރަތަމަ ޑިސްޓްރިބިއުޓަރު، ރީފްސައިޑުން ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު ބާއްވަމުން އަންނަ "ސޮނީ އިއާ އެންޑް ޕްރޮމޯޝަން" ގެ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން މިއަހަރު ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުން ލިބޭ އިނާމުތަކުގެ ތެރޭގައި ސޮނީ ބްރަވިއާ 49 އިންޗީގެ ފޯކޭ ޓީވީ އާއި ލިވިންރޫމް ސެޓާއި އުރީދޫ މައިފައި ތުރީޖީ އަދި ފޯޖީ ޑިވައިސް ހިމެނެ އެވެ.

އެގޮތުން ޕްރޮމޯޝަންގެ އެއްވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ރީފްސައިޑުން ހުށަހަޅާފައިވާ ސޮނީ ބްރަވިއާ 49 އިންޗީގެ ފޯކޭ ޓީވީ ހާސިލްކޮށްފައިވާ ނަސީބުވެރިއަކީ މ. އަލިހަވަ އަލީ ނާޝިދު އެވެ.

ދެވަނަ އިނާމަކަށް ދަމާސް ކުންފުނީގެ އިންޑެކްސް ފަރުނީޗާ އިން ހުށަހަޅާފައިވާ ލިވިން ރޫމްސެޓް ހާސިލްކޮށްފައިވާ ނަސީބުވެރިއަކީ އަބްދުﷲ އިންތިޔާޒު ނަމަކަށް ކިޔާ މީހެކެވެ. އަދި ތިންވަނައަށް އުރީދޫ އިން ހުށަހަޅާފައިވާ ތުރީޖީ އަދި ފޯޖީ މައިފައި ޑިވައިސް ހާސިލްކޮށްފައި ވަނީ މުހައްމަދު ރަޝީދު ނަމަކަށް ކިޔާ މީހެކެވެ.

އެ ޕްރޮމޯޝަންގެ ދަށުން ރީފްސައިޑް ސޮނީ ސެންޓަރުން ވިއްކަމުން އަންނަ ތަކެތީގެ ތެރެއިން 1000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއެއް ކުރައްވާ ކޮންމެ ފަރާތަކަށް ވެސް ޕްރޮމޯޝަންގައި ބައިވެރިވެ އަގުބޮޑު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލި އެވެ.

އޭގެ އިތުރުން ޕްރޮމޯޝަން ކުރިއަށްދިޔަ މުއްދަތުގައި ހަފްތާގެ ނަސީބުވެރިން ތަކެއް ވެސް ރީފްސައިޑުން ވަނީ ހޮވާފަ އެވެ. އެގޮތުން އެ އިނާމުތަކުގެ ތެރޭގައި ޝެލްބީންސް ގެ 250 ރުފިޔާގެ ގިފްޓް ވައުޗާ އަކާއި ސޮނީ ޕެންޑްރައިވް އާއި ސޮނީ އެސްޑީ ކާޑުގެ އިތުރުން ސޮނީ ހެޑްފޯން ރީފްސައިޑުން ވަނީ ދީފަ އެވެ.