16 Feb 2011, 09:31
ކަންބޮޑުވާ ދަރަޖައަށް ޑެންގީ ހުން، ފެތުރެމުންދާތީ މާލެއިން ޑެންގީ މަދިރި ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް ސިފައިންނާއި ސެންޓަފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިސީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން މިއަދުން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.
ސިސީއެޗްޑީސީން ބުނީ ޑެންގީ މަދިރި ނައްތާލުމަށް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ހުރިހާ ތަނެއް މިއަދު ބަލައި ފާސް ކުރާނެ ކަމަށާއި މި ޕްރޮގްރާމްގައި މަދިރި އުފެދޭ ތަންތަން ނައްތާލައި އެފަދަ ތަންތަނަށް ބޭސް އެޅުމުގެ އިތުރުން ފޮގްވެސް ކުރާނެ ކަމަށެވެ.
ޑެންގީ ހުން އަދާޔާ ހިލާފަށް ގިނަވެ ފުރާނަޔަށް ނުރައްކާވަމުންދާތީ ސީސީއެޗްޑީސީ މީގެ ދެދުވަސް ކުރިން ބުނެފައި ވަނީ ރާއްޖޭގައި ޑެންގީ ހުން ފެތުރެމުން އަންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި މިއަހަރު މިހާތަނަށްވެސް ކުޑަ ދެ ކުދިންނާއި ބޮޑު މީހަކު ޑެންގީ ހުމުގައި މަރުވެ، ޑެންގީ ހުންޖެހޭ މިންވަރު 60 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ.