01 Mar 2015, 19:05
ހުޅުމާލޭގައި ތޫނު އެއްޗަކުން ބިރުދައްކައި ހަމަލާދިނުމަށްފަހު ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅެނިކޮށް، ފުލުހުން އެކަން ހުއްޓުވައި، މީހުންނާއި ފައިސާ ސަލާމަތްކޮށްފިއެވެ.
މިއަދު ހަވީރު 5:30 އެހާކަންހާއިރު ހުލުމާލެ، ރީތިގަސްމަގު، އެމްއެންޑީއެފް ކޮށި ހުންނަ ސަރަހައްދުގައި، ބަޔަކު މީހުންވެގެން ފޭރެން މަސައްކަތްކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްގެ ބޭނުމަށް ބޭންކުން ނަގައިގެން ގެންދިޔަ ފައިސާތަކެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފޭރެން އުޅެނިކޮށް މީހުންނާއި ފައިސާ ސަލާމަތްކޮށްފައިވަނީ އެވަގުތު އެ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ، ހުޅުމާލެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތުން ކަމަށެވެ. ފޭރެން އުޅުނު މީހުން ފިލާފައިވާއިރު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ފައިސާ ހިފައިގެންދިޔަ މީހާއަށް އަނިޔާވެފައިވާއިރު އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، މިފަދަ ބޮޑެތި އަދަދު ތަކުން ފައިސާ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.