ކުޅިވަރުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ‏‏މިއަދު ފޮނުވައިފިއެވެ.‏

އެ ބިލަކީ، ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީ ކުރުމަށާއި ކުޅިވަރުގައި ‏‏ޙަރަކާތްތެރިވާ ފަރާތްތަކާއި ކްލަބް ޖަމްޢިއްޔާތައް ކުރިއެރުވުމަށާއި، ދިވެހިރާއްޖޭގައި ‏‏ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާތައް ޒަމާނީ ފެންވަރުގައި ހިންގުމަށް އެހީތެރިވެ ‏‏މަގުފަހިކޮށްދިނުމަށާއި، މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ އާއި ކުޅިވަރު ކައުންސިލް އަދި ‏‏މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް ލިމިޓެޑް ޤާއިމުކޮށް، އެ ތަންތަން ރެގިއުލޭޓްކުރުމުގެ ‏‏އުޞޫލުތައް ބަޔާންކުރާ ބިލެކެވެ.

އޭގެ އިތުރުން، ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައިވާ ‏‏އެކިއެކި ކަންތައްތައް ތަންފީޒުކޮށް، މެނިފެސްޓޯގައިވާ ފަދައިން ޤައުމީ އަދި ރަށު ފެންވަރުގައި ‏‏ވާދަވެރި އަދި އިޖުތިމާޢީ ކުޅިވަރާއި ޘަޤާފީ ޙަރަކާތްތައް ކުރި އަރުވައި، އެންމެންގެ ‏‏ބައިވެރިވުމުން މުޅި ޤައުމު ތަރައްޤީކުރުމަށާއި އަދި ހުރިހާ އުމުރުފުރާގެ މީހުންގެމެ ޢާންމު ‏‏ހަޔާތް މުއްސަނދި ކުރުވުމަށް މަގުފަހި ކުރުވުމަށް ބޭނުންވާ އުސޫލުތަކާއި ސިޔާސަތުތައް ވެސް ‏‏މި ބިލުގައި ކަނޑައަޅާފައިވާނެ އެވެ. ‏