01 Mar 2015, 18:36
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލާއެކު ސިޔާސީ ޕާޓީގެ ޤާނޫނާއި އާއިލާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މިއަދު ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ބިލު ސަރުކާރުން ހުށަހެޅީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވާތީ އާއި ޤާނޫނުއަސާސީގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީން ކަމަށްވާތީ ދިވެހިރާއްޖޭގައި އިސްލާމީ މަތީ ތަޢުލީމުދޭނެ ޚާއްޞަ ޔުނިވާސިޓީއެއް ޤާއިމުވެފައި ހުރުމަކީ އިސްލާމީ ދުނިޔޭގައި ދިވެހިރާއްޖޭގެ ތަޞައްވުރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަކަށް ވާތީ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަވެ، ރައްޔިތުންނާއި ރައްޔިތުންގެ މުސްތަޤްބަލާ ގުޅުންހުރި އެފަދަ ތަޢުލީމީ މުއައްސަސާއެއްގެ މަޤުޞަދުތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް އެކަށަ އަޅައި އެކަންކަމާގުޅޭ އުސޫލުތައް ޤާނޫނެއްގައި ބަޔާންވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ފެންނާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލަކީ، އެ ޤާނޫނުގައިވާ ބައެއް މަފްހޫމްތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ ހ. އާ ޚިލާފުވާ ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާތީ، އެ ޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.
ޢާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅުއްވުމުގެ ބޭނުމަކީ، ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ 'ކައިވެނި ރޫޅުމުން ޢާއިލާ ނިކަމެތި ވެދިޔުމުގެ ފުރުޞަތު ކުޑަކުރުން' ހުށަހަޅާފައިވާ ބިލެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނެފައި ވަނީ ކައިވެނި ރޫޅުމާ ގުޅިގެން ދިމާވާ ޙާލަތްތަކުގައި އަންހެން މީހާއަށާއި ކުދީންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ވަގުތީ ވަސީލަތްތައް ހަމަޖައްސައިދެވޭނެ އިޖުތިމާޢީ އަދި ޤާނޫނީ އުސޫލު ތަޢާރަފުކުރުމާއި 'ކައިވެނި ރޫޅިއްޖެނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްޤު ހިއްސާ ހޯދައިދޭނަން' ވަޢުދުގެ ދަށުން ދެމަފިރީން އެކުގައި މުދާފައިވަނިކޮށް ކައިވެނި ރޫޅިއްޖެނަމަ އެ މުދަލުގައި ދެ ފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެ މީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާއި އުސޫލުތައް ޤާއިމުކުރުމެވެ.