މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި ސަރުކާރަށް ޑިމާންޑުކުރި ކަންތައްތަކާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާ ބައްދަލު ކުރުމަށް އެމްޑީޕީ އާއި ޖޭޕީގެ އެއްބަސްވެގެން އުފައްދާވައިވާ ޖޮއިންޓް ކޮމިޝަނުން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަހަގަ، މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލުމާތު ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމުގައި އުފުލާފައިވާ 13 ޑިމާންޑް ލިޔުމުން ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބަންދުން ވީއްލުމަށް ޑިމާންޑުކޮށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލު ކުރުމަށް އެމްޑީޕީ-ޖޭޕީ ޖޮއިންޓް ކޮމިޝަނުން ނިންމާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރާ ބާއްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަދި އެފަރާތްތަކާއި ބައްދަލުކުރެއްވުމަށް މާދަމާ ރަސްމީ ގަޑި ފެށުމާއެކު ސަރުކާރުގައި އެދޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

"މިހާރުން މިހާރަށް ސިޔާސީ ގޮތުން އެކޮށްފައިހުރި ދައުވާތައް އަނބުރާ ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުގައި ދައްނަވަން މިގޮތުން އަޅުގަނޑުމެންގެ 13 ޑިމާންޑާއި ގުޅުންހުރި ހުރިހާ މުއައްސަސާޓަކާ ބައްދަލުކުރަން އަޅުގަނޑުމެން ކޮމިޝަނުން މި ވަނީ ނިންމިފައި،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންނާއި އެހެން ޕާޓީތަކުން އެދެ ޕާޓީއިން ހިންގާ ސިޔާސީ ހަރަކާތުގައި ބައިވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެބައްދަލުވުމުގައި ނިންމުނު އެހެން ކަންތަކުގެ ތެރޭގައި ސިޔާސީ ގޮތުން ސަރުކާރާއި ދެކޮޅުވާ ފަރާތްތައް ނައްތާލުމަށް ކުރެވޭ މަސައްކަތާއި ދެކޮޅަށް ތެދުވުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ބައެއް ބޭފުޅުން މުދާ ނަންގަވާ އަދި ބަހެއް ބުނާ ކޮންމެ މީހަކު މުޅި ނިޒާމުން ނައްތާލުމަށްޓަކައި ސަރުކާރުން ހިންގާ ހިންގުންތައް އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުއްވެރިކުރަން އަދި އެކަމާއި ދެކޮޅަށް ހުރިހާ އެންމެން ތެދުވުމަށް އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވުނު،" އަލީ ވަހީދު ވިދާޅުވިއެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ބޭރުގެ ފަރާތްތަކާއި ގުޅގެން ޑިޕްލޮމެޓިކް ލެވަލްގައި ކުރަމުންދާ ކަންކަން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. ހަމައެހެންމެ މަގުމަތީ ހަރަކާތްތައް ނުހުއްޓައި ކުރިއަށްގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.