މޮސްކޯ (މާޗް 01) : ރަޝިޔާގައި އިއްޔެ ރޭ އަވަހާރަކޮށްލި އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ބޮރިސް ނިމެތްސޯވްގެ ހަށިކޮޅަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ރަޝިޔާގެ އެތައް ހާސްބަޔަކު އޭނާ އަވަހާރަކޮށްލިތަނަށް އޭނާގެ ހަނދާން އައުކޮށް އެތަނަށް މާ އަޅައި އުއްބައްތި ދިއްލުން ފަދަ ކަންތައްތައް ކުރަމުން އެބަގެންދެ އެވެ.

މޮސްކޯ އިން ލިބޭ ހަބަރުތައް ބުނާގޮތުން އެތައް ހާސްބަޔަކު ރަޝިޔާގެ އެކިކަންކޮޅުތަކުން ގެންދަނީ ހިނގާފައި އެތަނަށް އައިސް ނިމެތްސޯވް އަށް އިޙްތިރާމް އަދާކުރަމުންނެވެ. ނިމެތްސޯވް އަށް އިޙްތިރާމް އަދާކުރުމަށް އަންނަ މީހުންގެ ތެރޭގައި މޮސްކޯގައި ތިއްބަވާ ބޭރުގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ހިމެނެ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ނިމެތްސޯވް އަވަހާރަކޮށްލިމަކީ މުޑުދާރު ޖަރީމައެއް ކަމަށް ސިފަކުރައްވައި އޭނާގެ މަރުގެ ފަހަތުގައިވާ މުޖްރިމުން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނިމެތްސޯވްގެ މަންމައަށް ފޮނުއްވި ތައުޒިޔާގެ މެސެޖެއްގައި ޕޫޓިން ވިދާޅުވީ ނިމެތްސޯވް އަކީ އަމާނާތްތެރި ބޭފުޅެއް ކަމަށާއި އޭނާގެ މަރުގެ ފަހަތުގައިވާ މުޖްރިމުން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގަ އެވެ.

ނިމެތްސޯވްގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލާފައި ވަނީ މޮސްކޯގެ މެދުތެރޭ ހިސާބެއް ކަމަށްވާ އެމްނިންހަމީ މައިދާނުގެ ކައިރީގައިވާ ބްރިޖެއްގެ މަތިން ޒުވާން އަންހެނަކާ އެކު އިއްޔެ ރޭގެ ވަގުތެއްގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް އޭނާގެ ފަހަތުން އައި ކާރަކުން ނުކުތް ދެމީހަކު ކުއްލި ގޮތަކަށް ދިން ބަޑީގެ ޙަމަލާތަކެއްގަ އެވެ.

ޕޫޓިންގެ ތަރްޖަމާނެއް ކަމަށްވާ ޑިމިޓްރީ ބިސްކޯވް ވިދާޅުވީ މިއީ ޕޫޓިން ބަދުނާމުކޮށް ރަޝިޔާގެ އެތެރެ ގަޑުބަޑުކޮށްލުމުގެ މަގްސަދުގައި ބަޔަކު ހިންގި ޖަރީމާއެއް ކަމުގަ އެވެ. ޕޫޓިން ވަނީ މިހާދިސާ ތަހްގީގް ކުރުމަށް އަމުރު ކުރައްވާފަ އެވެ. ބޮރިސް ނިމެތްސޯވް އަކީ ރަޝިޔާގެ ކުރީގެ ރައީސް ބޮރިސް ޔެލްޓްސިންގެ ވެރިކަމުގައި ބޮޑުވަޒީރުގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ނިމެތްސޯވް އަވަރާކޮށްލި ޖަރީމާއާ ދެކޮޅަށް ހުޅަނގުގެ ލީޑަރުން ވެސް ވަނީ އަޑުއުފުއްލަވާފަ އެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް މުޅި މޮސްކޯ ދަނީ ތައްޔާރުވަމުންނެވެ. (ނޫސްއެޖެންސީތައް)