އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫއަކީ ވަކި ގައުމަކާ ހަވާލުކުރާނެ މަޝްރޫއެއް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

"އައިހެވަން" މަޝްރޫއު އިންޑިއާ ހަވާލުކުރުމަށް ސަރުކާރުން އިންޑިއާ އަށް ހުށަހަޅާފައިވާ ކަމަށާއި ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް އެކަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު(މުންދު) ކަމަށް އެގައުމުގެ ނޫހަކުން ބުނެފައިވާ އިރު އެކަމަށް ރައްދުދެއްވައި މުންދު މިއަދު ސަން އަށް ވިދާޅުވީ އެ މަޝްރޫއަކީ ވަކި ގައުމަކާ ހަވާލުކުރާނެ މަޝްރޫއެއް ނޫން ކަމަށެވެ.

"އައިހެވަން މަޝްރޫއަކީ ވަކި ގައުމަކާ ނުވަތަ ވަކި ބަޔަކާ މުޅި މަޝްރޫ ހަވާލުކުރެވޭނެ އަދި ކުރަންޖެހޭނެ މަޝްރޫއެއް ވެސް ނޫން،" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިހެވަން މަޝްރޫގެ ދަށުން އިހައްވަންދިއްޕޮޅު ތަރައްގީ ކުރެވިގެންދާނީ އެކިއެކި މަޝްރޫތަކުގެ ދަށުން ކަމަށްވާ އިރު އެ މަޝްރޫތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ރާއްޖެއާއި ރަހުމަތްތެރި ހުރިހާ ގައުމަކަށް ވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި އިންޑިއާގެ ވިޔަފާރިތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިހެވަންގެ ދަށުން އިހަވަންދިއްޕޮޅު ތަރައްގީވެގެންދާ އިރު ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް ގިނަގައުމުތަކާއި ގިނަ ވިޔަފާރިތަކަށް ފުރުސަތު ދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އައިހެވަން މަޝްރޫގެ ފުރުސަތުތައް އާންމުކުރީ އެތައް ގައުމެއްގެ ވިޔަފާރި ކުންފުނިތައް ބައިވެރިވި އިންވެސްޓްމަންޓު ފޯރަމެއްގައިކަމުން އޭގެންވެސް ދައްކުވައިދޭ އެއީ ހުޅުވާލެވިފައިވާ މަޝްރޫއެއްކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.