01 Mar 2015, 15:55
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި، ސަންޑަލޭންޑުގެ ޑިފެންޑަރު ވެސް ބްރައުންއަށް ދެއްކި ރަތް ކާޑަކީ ރެފްރީގެ މިސްޓޭކެއް ނޫން ކަމަށް ލީގު މެޗުތަކަށް ރެފްރީން ހަމަޖައްސާ ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓަޑް (ޕީޖީއެމްއޯ)އިން ބުނެފި އެވެ.
ރޭގެ މެޗުގައި ހިނގާދިޔަ ހާދިސާއާ ގުޅޭ ގޮތުން ޕީޖީއެމްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭގެ މެޗުގައި ރެފްރީކަން ކުރި ރޮޖަރ އީސްޓް، ސަންޑަލޭންޑުގެ ވެސް ބްރައުންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލީ ބްރައުން ފަލްކާއޯއަށް ފައުލްކުރި ކަމަށް ނިންމާފައި ކަމަށެވެ.
"ރެފްރީ ރޮޖަރއަށް ލަފާ ކުރެވުނު ގޮތުގައި ފަލްކާއޯ ޝޫޓް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ފައުލްކުރީ ވެސް ބްރައުން. އެހެން ކަމުން ރޮޖަރ ކާޑު ދައްކައި ދަނޑުން ފޮނުވާލީ ބްރައުން،" ޕީޖީއެމްއޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ރޭގެ މެޗުގައި އެ ހާދިސާ ހިނގާފައި ވަނީ 64 ވަނަ މިނެޓުގައެވެ. ފަލްކާއޯ އުފައްދަން މަސައްކަތްކުރި ހަމަލާ ހުއްޓުވަން އޭނާ ކައިރިން ސަންޑަލޭންޑުގެ ދެ ޑިފެންޑަރުން ކަމަށްވާ ބްރައުން އާއި އޯ ޝިއާ މަސައްކަތް ކުރިއިރު، ޓީވީ ރިޕްލޭއިން ފެންނަ ގޮތުގައި ފަލްކާއޯއަށް ފައުލްކުރަނީ އޯ ޝިއައާ އެވެ. ނަމަވެސް ރެފްރީ ރޮޖަރ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލަނީ ބްރައުން އެވެ.
އެކަމާ ގުޅޭގޮތުން ސަންޑަލޭންޑުގެ ކޯޗް ގަސް ޕިޔޮޓް ބުނީ ބްރައުންއަށް ދެއްކި ކާޑަށް އެޕީލްކުރާނެތޯ އެ ކްލަބުން ނިންމާނީ އެ ހާދިސާގެ ވީޑިއޯ ފުޓޭޖް ރަނގަޅަށް ބެލުމަށް ފަހު ކަމަށެވެ. ރޭގެ މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ސަންޑަލޭންޑުގެ މައްޗަށް ޔުނައިޓަޑް 2-0 ގެ ނަތީޖާއަކުން ކުރި ހޯދިއިރު، ސަންޑަލޭންޑް ވަނީ ލީގުގައި އެ ޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ.
ބްރައުންއަށް ރަތްކާޑުދެއްކި ހާދިސާ ހިނގާފައި ވަނީ، ފުޓްބޯޅައިގެ ގަވައިދުތައް ހަދާ ފަރާތްތަކުން މެޗުތަކަށް ވީޑީއޯ ރެފްރީން ތައާރަފް ކުރަން ހުށަހެޅި ހުށަހެޅުމަކާމެދު ގޮތެއް ނިންމުން ލަސްކުރިތާ ދެތިން ގަޑިއިރު ފަހުންނެވެ.