01 Mar 2015, 15:44
ކުރީގެ ޑިފެންސް މިނިސްޓަރު ކާނާލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ގެންގެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
ނާޒިމް އެގޮތަށް އެދިވަޑައި ގަތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި ނާޒިމް ވިދާޅުވެފައި ވަނީ ޝަރީއަތް ކުރިއަށް ގެންދާ ގޮތުން އޭނާގެ ހައްގުތަކެއް ގެއްލެމުންދާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލައި އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަނީ އުފައްދާފައިވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހައްގުތައް ގެއްލޭ ކަމަށެވެ.
ނާޒިމްގެ ހައްގުތައް ނެގެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނެރަލް މަސައްކަތް ނުކުރައްވާ ކަމަށާއި އެހެންކަމުން ހައްގުތައް ދިފާއުކޮށް، ނެގެހެއްޓުމަށް ދެން އޮތް އެންމެ ބޮޑު ގެރެންޓީ އަކީ، އާއްމުކޮށް ހުޅުވާލެވިގެން، ގިނަ ބައެއްގެ ކުރިމަތީގައި ކުރެވޭ އިންސާފުވެރި ޝަރީއަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝަރީއަތް ބާއްވާނެ ތަންތަން ކަނޑައަޅަނީ ކޯޓުން ކަމަށާއި އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ބޭއްވުމަށް އިއުތިރާޒު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރަށް ވުރެ ހާމަކަން ބޮޑުގޮތެއްގައި ޝަރީއަތް ބާއްވަން ކޯޓުގައި އެދިވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.