16 Feb 2011, 08:43
އާސެނަލްގެ ކެޕްޓަން ސެކް ފަބްރިގާސް އަކީ ބާސެލޯނާގެ އުފެއްދުމެކެވެ. އެ ކުލަބުގެ ޔޫތު ޓީމު ވިދާލި ކުޅުންތެރިޔާ ކުޅެން ބޭނުން ވަނީ ވެސް ބާސެލޯނާ އަށެވެ. އާސެނަލް ދޫކޮށްލަން އޭނާ ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް ހުރަސް އަޅަނީ އެ ކުލަބާއެކު އޭނާ ހަދާފައިވާ ދިގު މުއަދަތުގެ ކޮންޓްރެކްޓެވެ.
މިހެންވެ މިރޭ އެމިރޭޓްސް ސްޓޭޑިއަމުގައި މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅޭ މެޗުގައި އެންމެ ގިނަ ކެމެރާތައް އަމާޒުވާނެ މީހަކީ އޭނާ އެވެ.
ހުސްވި އަހަރު މި ދެ ޓީމު ކުޅުނު މެޗުން ބާސެލޯނާ މޮޅުވި އިރު އެ ޓީމު ކޮޅަށް ފަބްރިގާސް ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ. ނަމަވެސް ނިމިދިޔަ ވޯލްޑް ކަޕަށް ފަހު ބާސެލޯނާ އަށް ބަދަލުވުމަށް އޭނާ ނުހަނު ބޮޑަށް ގަދަ ދައްކައި ހަދާފައިވާތީވެ ފަބްރިގާސް ދެކެ އާސެނަލްގެ ސަޕޯޓަރުން ނުރުހުންވި އެވެ. ހާއްސަކޮށް ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުގެ އުފާފާޅުކުރުމުގެ ތެރޭގައި ބާސެލޯނާގެ ކުޅުންތެރިން ގަދަކަމުން ފަބްރިގާސް ބާސެލޯނާގެ ޖާޒީއެއް ލެއްވުމުން މީޑިޔާގެ ސަމާލުކަން ވެސް ނުހަނު ބޮޑަށް އެކަމަށް ހުއްޓުނެވެ.
މިރޭގެ މެޗަށް އެކުވެރިންނާއި ލޯބިވާ ޓީމާ ދެކޮޅަށް ފަބްރިގާސް ނުކުންނައިރު އޭނާގެ ފުރަތަމަ 11 އަދި މުޅީން ޔަގީން ނުވެ އެވެ. އަނިޔާ އަށް ފަހު ސާމިރު ނަސްރީ ޓީމާ ގުޅުނު ނަމަވެސް އޭނާ ލައްވައި ކުޅުވާނެކަން ކޯޗު އާސެން ވެންގާ އަދި ޔަގީންކޮށްނުދެ އެވެ. އަބޫ ދިއާބީ ޔަގީނުން ވެސް ނުކުޅޭނެ އެވެ.
ނަމަވެސް ބާސެލޯނާ އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. އަދި މެޗަށް ނުކުންނައިރު އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޔޫރަޕުގެ އެންމެ ބޮޑު ކުލަބު މުބާރާތުގައި އާސެނަލްގެ މައްޗަށް މިހާތަނަށް ގަދަކަން ދެއްކިފައިވުމެވެ.