އެމެރިކާގެ އެއްވެސް ރައްޔިތަކަށް ވެނެޒުއޭލާ އިން އޮން އެރައިވަލް ވިސާ ނުދޭ ގޮތަށް އެގައުމުން ހަމަޖައްސައިފި އެވެ.

ވެނުޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އިއްޔެ ވިދާޅުވި ކަމަށް ފްރާންސް 24 އިން ބުނީ އެމެރިކާ އެންމެން ވެސް އެގައުމަށް ދަތުރުކުރާ ނަމަ ޓުއަރިސްޓް ވިސާ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސަން ޖެހުނީ އެމެރިކާ އިން ވެނެޒުއޭލާގައި ޖާސޫސްކުރުމުގެ ހަރަކާތްތައް ހިންގުން އިތުރުވުމުގެ ސަބަބުން ކަމަށެވެ.

މަދޫރޯ ވިދާޅުވެފައި ވަނީ ވެނެޒުއޭލާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންގައި ބޭތިއްބޭ މީހުންގެ އަދަދު މަދުކުރުމަށާއި އެމެރިކާގެ ޑިޕްލޮމޭޓުން އެގައުމުގައި ބާއްވާ ބައްދަލުވުންތަކަށް ހުއްދަ ނަގަން ޖެހޭ ގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ. ފަހަކަށް އައިސް ވެނެޒުއޭލާގައި ޖާސޫސް ކުރުމުގެ ހަރަކާތްތައް ހިންގައިގެން އެމެރިކާގެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މަދޫރޯ ވަނީ ވިދާޅުވެފަ އެވެ.

ވެނެޒުއޭލާ ސަރުކާރުން ހަމަޖައްސާފައި ވަނީ އެމެރިކާ އަށް ދަތުރުކުރުމަށް ވެނެޒުއޭލާ މީހުން ޓުއަރިސްޓް ވިސާ ހޯދާ އިރު ދައްކަން ޖެހޭ ފީއެއް އެމެރިކާ މީހުންނަށް ވިސާ ދޫކުރާ އިރު ނެގުމަށެވެ. އަދި އެގޮތުން ފީ ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުން ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. މަދޫރޯ ވިދާޅުވެފައި ވަނީ އެމެރިކާގެ އިސް އޮފިޝަލުންގެ ތެރެއިން މަދު ބޭފުޅުން ކޮޅެއް ފިޔަވައި އެންމެންނަށް ވެސް އެގައުމުން މަރުހަބާ ކިޔާނެ ކަމަށެވެ. އެގައުމަށް ދަތުރުކުރުން މަނާ ކުރާ މަދު އޮފިޝަލުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް މަދޫރޯ ވަނީ ވިދާޅުވެފަ އެވެ.

ވެނެޒުއޭލާގައި ބަޣާވާތެއް ކުރުމަށާއި އެ ބަޣާވާތުގައި ރިޔާސީ ގަނޑުވަރުގައި ބޮމެއް ގޮއްވައިލުމަށް ރާވާފައިވާ ކަމަށް މަދޫރޯ ވަނީ ތުހުމަތު ކުރައްވާފަ އެވެ. މަދޫރޯގެ އެ ތުހުމަތުތަކަކީ ތާކުންތާކު ނުޖެހޭ، ހެއްވާ ވާހަކަތަކެއް ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. ނަމަވެސް ވިސާ ނަގަން ޖެހޭ ގޮތަށް ހަމަޖެއްސި ޖެއްސުމަށް އެމެރިކާ އިން އަދި ކޮމެންޓެއް ނުކުރެ އެވެ.

ވެނެޒުއޭލާ އިން އެމެރިކާއާ ދެކޮޅަށް މި ފިޔަވަޅުތައް އެޅީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގަވާފައިވާ ކަމަށް ބުނެ، އެގައުމުގެ ބައެއް އިސް އޮފިޝަލުން އެމެރިކާއަށް ދަތުރުކުރުން މަނާ ކުރުމުންނެވެ.

ސޯޝަލިސްޓް ސަރުކާރެއް އޮންނަ ވެނެޒުއޭލާއާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ. އެއް ގައުމުން އަނެއް ގައުމުގައި ޑިޕްލޮމެޓިކް މިޝަންތައް ހިންގަމުން އައި ނަމަވެސް ، 2010 ވަނަ އަހަރުން ފެށިގެން ދެގައުން ވަނީ ސަފީރުން ބަދަލުކުރުން ހުއްޓާލައިފަ އެވެ.