އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމުގައި މިސަރުކާރުން ސާބިތުވެ ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރިވިއުއާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ އަންހެނުންނާމެދު ތަފާތުކުރުން ނައްތާލުމަށް ގޮވާލައި އެކުލަވާލާފައިވާ "ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އެގެއިންޓް ވިމެން" (ސީޑޯ) މުއާހަދާގެ ރާއްޖޭގެ ރިވިއު ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ދުންޔާ ވަނީ، އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ހާމަކޮށްފައިވާ ދެ ސިޔާސަތު ތަންފީޒު ކުރުމުގައި ލިބިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައި ކަމަށެވެ.

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި ހަމަހަމަ ގޮތެއްގައި އެކި ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑު ހުއްޓުވުމަށާއި ހަމަހަމަ ގޮތެއްގައި އެކި ކަންކަމުގައި އަންހެނުން ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން މިދިޔަ އަހަރު ރައީސް ތަސްދީގު ކުރައްވާފައިވާ ޖިންސީ ކުށުގެ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަކީ އަންހެނުންގެ ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލި މުހިންމު ގާނޫނުތަކެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

އަންހެނުންނަށް ދިމާވާ ތަފާތު ގޮންޖެހުންތައް މުޖުތަމައުގައި އެބަހުރި ކަމަށް ވެސް ވިދާޅުވެ، އެފަދަ ގޮންޖެހުންތަކުން އަންހެން ކަނބަލުން ރައްކާތެރިކޮށް އަންހެނުން ބާރުވެރިކުރުވައި އަނިޔާއިން ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން ސީޑޯ މުއާހަދާގެ ރިވިއުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ލޯ އެންޑް ޖެންޑާ ޑރ. ހާލާ ހަމީދާއި ރާއްޖޭން ޖެނީވާގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ މިޝަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގީލާ އަލީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އައްޒަ އާއި ސީނިއާ މެޑިކަލް އޮފިސަރު ޑރ. މަރިޔަމް ޖެނިފާ ވެސް ބައިވެރިވެ ވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.