ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވި ނަމަވެސް މާދަމާއަކީ ސަރުކާރު ބަންދު ނޫން، ރަސްމީ ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު 'ސަން' އަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް އާ ދައުރަކަށް ހުޅުވުނު ނަމަވެސް ސަރުކާރު އޮފީސްތަކުގެ މަސައްކަތްތައް ހުޓެންޖެހޭނެ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި "ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސްވިޔަސް އެހެން އޮފީސްތަކުގެ މަސައްކަތްތަށް ކުރިއަށް ދާންޖެހޭނެ" ކަމަށް މުއާޒު ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުވާ ދުވަހަކީ ސަރުކާރުގެ ރަސްމި ބަންދު ދުވަހެއްގެ ގޮތުގައި ނިންމަވާފައި ވީނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، މަޖިލިސް ހުޅުވާ ދުވަސް ބަންދު ކޮށްފައެއް ނުވެ އެވެ.

އާދައުރަކަށް މަޖިލިސް ހުޅުވައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވަނީ މާދަމާ 10 ޖަހާއިރު އެވެ.