01 Mar 2015, 15:01
ސަރުކާރުގެ ހަރަދުގައި ހިލޭ ބޭސް ފަރުވާ ކޮށްދޭ "ހުސްނުވާ އާސަންދަ" ނިޒާމު ހިންގާނެ ގޮތާ ބެހޭ ގަވާއިދެއް ތައާރަފްކޮށްފި އެވެ.
ނޭޝަނަލް ސޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ގެޒެޓްކޮށްފައިވާ އެ ގަވާއިދުގެ ބޭނުމަކީ ހުސްނުވާ އާސަަންދައިގެ ދަށުން ދޭ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަައް ކަނޑައަޅާނެ މިންގަނޑާއި އެފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލް ކަނޑައެޅުމެވެ. އަދި އެ ސްކީމްގެ ދަށުން ލިބޭނެ ހިދުމަތްތަކާއި ހިދުމަތް ލިބޭނެ މިންވަރު ބަޔާން ކުރުމެވެ.
ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބައިވެރިވެވޭ މި ސްކީމްގައި އަލަށް އުފަންވާ ތުއްތު ދަރިފުޅަށް ބައިވެރިވެވޭނީ ފުރަަތަމަ 28 ދުވަސް ވަންދެއް އެ ދަރިފުޅުގެ މަންމައާ އެކުގައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މި ސްކީމްގެ ހިދުމަތް ލިބޭނީ އެ ހާލަތަކަށް ރިޔާއަތްކޮށް އާސަންދަ ކުންފުނިން ކަނޑައަޅާ އުސޫލެއްގެ މަތިން އެ އެޖެންސީން އެންޑޯޒްކޮށްފައިވާ ހިދުމަތްތަކަށް ކަމަށް އެ ގަވާއިދުގައިވެ އެވެ.
ސަރުކާރުން، ހުސްނުވާ އާސަންދަ ތައާރަފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 24 ވަނަ ދުވަހު އެވެ.
ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ތުއްތު ކުދިންނަށާއި 30 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހެލްތް ޗެކްއަޕް ހިލޭ ހަދައިދެވޭނެ ކަމަށް އެ ސްކީމް ތައާރަފްކުރެއްވި ރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އަންހެނުން ބަލިވެ އިނީއްސުރެ ވިހެއުމާހަމައަށް ދިމާވާހުރިހާ ސިއްހީ މައްސަލަތަކެއްގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އާސަންދަ ސްކީމް ހިންގުމާ ބެހޭ ގަވާއިދުގައިވާގޮތުން އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ އެެއް ވެސް ފަރާތަކަށް އާސަންދަ ސްކީމްގެ ދަށުން ދެމުން ގެންދިޔަ އެއްވެސް ހިދުމަތެއް ދިނުން މެދުކެނޑިއްޖެ ނަމަ އެކަން އާސަންދައަށް އަންގަންޖެހެ އެވެ.