ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ އަދި އެއްވުނަތަކުގައި، އެތަންތަން ކަވަރު ކުރުމަށް ދާ ނޫސްވެރިންނަށްވާ ގެއްލުމާއި ހުރަސްތައް ބަލައި ދިރާސާ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަގުތީ ކޮމިޓީއެއް ނަގައިފި އެވެ.

މީޑިއާ ކައިސިލުން މިއަދު ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޒާހަރާތަކުގައި "ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތަކާއި ލިބިފައިވާ ގެއްލުން" ބަލައި ދިރާސާ ކުރުމަށް ގެއްލުންލިބޭ ނޫސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އެގޮތުން ބައެއް ނޫސްވެރިން މިއަދު ވެސް މިކޮމިޓީ އަށް ހާޒިރުކުރުމަށް ވަނީ ނިންމާފައި،" މީޑިއާ ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި މީޑިއާ ކައުންސިލުން މިއަދު އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ހުކުރު ދުވަހުގެރޭ ކުރިއަށް ދިޔަ މުޒާހަރާގައި "ތިމަރަ ބަރިން" ޖެހުނު ވީމީޑިއާގެ އަދި ވަގުތުގެ ނޫސްވެރިންނާ ބައްދަލުކުރުމަށް ނިންމާފަ އެވެ. އެ މުޒާހަރާ ކަވަރު ކުރުމުގެ ތެރޭގައި އަނިޔާވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އާ ބައްދަލުކުރުމަށް ވެސް ކޮމިޓީން ނިންމާފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު އަދި 'ސަން' ގެ ނޫސްވެރިޔާ ހުސައިން ހަސަން މުގައްރިރުކަން ކުރައްވާ އެ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވަނީ ކައުންސިލުގެ މެންބަރު އަދި ހަވީރު އޮންލައިންގެ ލޯކަލް ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫން އެވެ. އޭގެ އިތުރުން ކައުންސިލުންގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މިއުސަމް އައްބާސް އާއި މުހައްމަދު ރަފީގު އަދި ހަފްސީ އަބްދުﷲ ވެސް އެކޮމިޓީގައި ހިމެނިވަޑައިގަންނަވަ އެވެ.