01 Mar 2015, 13:24
ގައުމީ އެއާލައިން މޯލްޑިވިއަން އަށް ފަސް ވަނަ ސީޕްލޭން މިދިޔަ ހުކުރު ދުވަހު ގެނެސްފައިވާ އިރު ހަ ވަނަ ސީ ޕްލޭން މިހަފްތާގެ ތެރޭގައި ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ އެ ކުންފުނީގެ ފަސް ވަނަ ސީޕްލޭން މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވާ އިރު އެ ސީޕްލޭންގެ ދަތުރުތައް ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފައްޓާނެ ކަމަށެވެ. ހަމަ އެހެންމެ އެ ކުންފުނީގެ ހަ ވަނަ ސީޕްލޭން މިހަފްތާގެ ތެރޭގައި ގެނެވޭނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.
އެ ކުންފުންޏަށް ދެންވެސް ގެންނަން ނިންމާފައި ވަނީ "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ބޯޓެކެވެ.
މޯލްޑިވިއަންގެ ސީޕްލޭންތައް ދަނީ ތ. އަތޮޅަށާއި ބ. އަތޮޅުގެ އިތުރުން ދ. އަތޮޅަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އަދި ހއ. އަތޮޅަށް ޗާޓަރު ދަތުރުތައްކުރަމުންނެވެ. އަދި ޗާޓާ ދަތުރުތައް އެހެން އަތޮޅުތަކަށް ވެސް ކުރެ އެވެ.
ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.