01 Mar 2015, 13:14
އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ" އައިހެވަން" މަޝްރޫއު އިންޑިއާ ހަވާލުކުރުމަށް ސަރުކާރުން އިންޑިއާ އަށް ހުށަހަޅާފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް އެކަން ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ކަމަށެވެ. އޭނާ އެކަން ހުށަހެޅުއްވީ ޑަބްލިއުއެޗްއޯގެ ބައްދަލުވުމަކަށް ނިއުދިއްލީ އަށް ވަޑައިގެން އުޅުއްވަމުން ދިންޑިއާގެ އޮފިޝަލުންނާ އެކު ބޭއްވެވި ސިއްރު ބައްދަލުވުމެއްގައި ކަން އެނގިފައިވާ ކަމަށް ވެސް އެނޫހުގެ ހަބަރުގައިވެ އެވެ.
ނޫހުގައި ބުނެފައި ވަނީ ޗައިނާ އިން ތަރައްގީ ކުރަން ގަސްދުކުރާ މެރިޓައިމް ސިލްކް ރޫޓްގައިވާ އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު އެންމެ ގައުމަކަށް ދޫނުކޮށްލާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް ދީފަ އެވެ. ނަމަވެސް އެ ސިޔާސަތުން އިންޑިއާ އިސްތިސްނާ ކުރުމަށް ނިންމާފައިވާ ކަމަށް މުންދު ވިދާޅުވި ކަމަށް ވެސް ހަބަރުގައިވެ އެވެ.
އިހަވަންދިއްޕޮޅަކީ ވަރަށް މުހިއްމު ލޮކޭޝަނެއްގައިވާ ތަނެއްކަން ހަބަރުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ އަތޮޅު ވަނީ އަހަރެއްގެ ތެރޭގައި 18 ޓްރިލިއަން ޑޮލަރުގެ މުދާ އުފުލާ މަގެއްގައި ކަމަށް ބުނެފައިވެ އެވެ.
ހަބަރާ ބެހޭ ގޮތުން ޝަރީފުގެ ކޮމެންޓެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.