ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް އެ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިއެއް ކަމަށްވާ އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފި އެވެ.

ވިކްޓްރީގެ ކޯޗަކަށް ނާދު ހަމަޖެއްސިކަން އެ ކްލަބުން ހާމަކޮށްފައި ވަނީ ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ކްލަބުން މައުލޫމާތު ދިން ގޮތުގައި އެ މަގާމަށް ނާދު ހަމަޖެއްސީ އޭނާއަކީ އެ ކްލަބުގެ ކުރީގެ ކުޅުންތެރިއަކަށް ވެފައި، ރާޢްޖޭގެ ފުޓްބޯޅައިގެ ކޯޗިންގް ދާއިރާގައި އޭނާއަށް އެކަށީގެންވާ ތަޖުރިބާ ލިބިފައި ވުމުން ކަމަށެވެ.

މީގެ ކުރިން ވެލެންސިޔާގެ އެސިސްޓަންޓް ކޯޗުގެ މަގާމުގެ އިތުރުން އޭވައިއެލްގެ ކޯޗުގެ މަގާމްވެސް އަދާކުރި ނާދު ވިކްޓްރީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ވަނީ އެ މަގާމަށް އޭނާ ހަމަޖެއްސި ކަމަށްޓަކައި އެ ކްލަބުގެ އިސް ވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

އޭގެ އިތުރުން ނާދު ވަނީ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މި އަހަރު ވިކްޓްރީގެ ތަމްރީނުތައް ފެށުން ލަސްވުމުން އެ ކްލަބަށް ރަނގަޅު ކުޅުންތެރިން ހޯދަން ދަތިވިކަން ފާހަގަ ކޮށްފައެވެ. ނަމަވެސް މިހާރު ތިބި ޒުވާން ކުޅުންތެރިންނާއި، ކްލަބުގެ މެނޭޖްމަންޓުގެ އެއްބާރުލުމާއެކު، މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަން ނާދު ވަނީ ފާހަގަ ކޮށްފައެވެ.

ވިކްޓްރީގެ ތަމްރީނުތައް މިރޭ ފަށަން ހަމަޖައްސާފައި ވާއިރު، އެ ކްލަބުން ވަނީ މި ސީޒަނަށް ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ގައުމީ ޓީމުގެ ޒުވާން ކީޕަރު މުހައްމަދު ޖަޒްލާން އާއި ޓީސީގެ ކީޕަރު ތޮލާލް ހަސަން، އޭވައިއެލްގެ ބަހާޖަތު އަބްދުލް އަޒީޒް އަދި ކުރިން އީގަލްސް އަށް ކުޅުނު ޒުވާން މިޑްފީލްޑަރު މުހައްމަދު ތަސްމީން އެ ޓީމަށް ވަނީ ގެނެސްފައެވެ.

ވިކްޓްރީއަށް މިއަހަރު ތިން ބިދޭސީ ކުޅުންތެރިން ގެންނަން ހަމަޖެހިފައި ވާކަމަށްވެސް އެ ކްލަބުން ބުންޏެވެ.