ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އޭސީ މިލާން ކޮޅަށް ގޯލު ޖަހައިގެން 1-0 އިން ޓީމު މޮޅުކޮށްދީގެން ޓޮޓެންހަމުގެ ޕީޓަ ކްރަޗް ބޮޑު އުފަލެއް ހޯދައިފި އެވެ.

އިސްކޮޅުގައި ހަ ފޫޓު ހަތް އިންޗި ހުންނަ ކްރަޗަކީ 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި މިލާން އަތުން ލިވަޕޫލް ބަލިވިއިރު އެ ޓީމުގެ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ރޭ ޖަހައިދިން ގޯލާއެކު މުބާރާތުގެ ދެ ވަނަ ބުރަށް ޓޮޓެންހަމަށް ދެވޭނެ ކަމުގެ އުއްމީދު ކޯޗު ހެރީ ރެޑްނެޕް ވަނީ އާކޮށްފަ އެވެ. މި ދެ ޓީމުގެ ދެ ވަނަ މެޗު އޮންނާނީ ޓޮޓެންހަމުގެ ދަނޑުގަ އެވެ.
~
ރޭގެ މެޗު ނިމެން ދަނިކޮށް މިލާނުގެ ލާޓަން އިބްރަހިމޮވިޗް ގޯލު ޖެހި ނަމަވެސް ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރި އެވެ. އަދި އެންމެ ފަހު ކަށިގަނޑާއެކު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮންމެ ވެސް ވަރަކަށް ހޫނުވި އެވެ. މި ކަންތައްގަނޑުގައި މިލާނުގެ ގެނާރޯ ގަޓޫސޯ ވަނީ ޓޮޓެންހަމުގެ އެސިސްޓެންޓް މެނޭޖަރު ޖޯ ޖޯޑަންގެ މޫނުމަތީގައި ބޮލުން ޖަހައި އޭނާގެ ކަރުގައި ވެސް ހިފައިފަ އެވެ.

ޗެމްޕިއަންސް ލީގުގައި ސްޕޭނުގެ ވެލެންސިއާ އާއި ޖަރުމަނުގެ ޝާލްކޭ ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވެލެންސިއާގެ ސޮލްޑާޑޯ ލަނޑު ޖަހާފައި ވަނިކޮށް ޝާލްކޭ އަށް އެއްވަރު ކޮށްދިނީ ސްޕޭނުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒް އެވެ. މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މި ގޯލަކީ ސްޕޭނުގައި ރެއާލް މެޑްރިޑު ނޫން ޓީމަކަށް ކުލަބަކަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.