10 Apr 2010, 12:12
ރާއްޖޭގެ މަތީ ތަޢްލީމުގައި ޢާންމުކޮށް ބައިވެރިވާ ޢުމުރުފުރައިގެ އާބާދީގެ ތެރެއިން މަތީ ތަޢްލީމް ލިބިގަންނަ އާބާދީގެ ނިސްބަތް، (ގްރޮސް އެންރޯލްމަންޓް ރޭޝިއޯ) މަތިކުރެއްވުމަށްޓަކައި، އެންމެ ފުރަތަމަ މަސައްކަތްތައް އަމާޒު ކުރަންވީ ސްކޫލް ސިސްޓަމަށާއި، އޭ.ލެވެލްގައި ބައިވެރިވާ ކުދިންގެ ޢަދަދު އިތުރުކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހެއްގައި ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގައި ގްރޮސް އެންރޯލްމަންޓް ރޭޝިއޯ 40 އިންސައްތައަށް ގެންދިއުމަށްޓަކައި ސަރުކާރުން އެޅުމަށް ހަމަޖައްސާފައިވާ ޚާއްޞަ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވައިލައްވައި މިއަދު ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގައި ކިޔަވާ ކޮންމެ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިން ހަދަނީ ކޮމާސް ކަމަށާއި، ނަތީޖާއަކީ ވަރަށް ގިނަ ވަޒީފާތަކަށާއި، މަތީ ތަޢްލީމަށް އޮންނަ ފުރްޞަތުން އެކުދިން މަޙްރޫމްވުމާއި، މަސައްކަތްތެރި ކަމަށް އެކުދިން ބީރަށްޓެހިވުން ކަމުގައި ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ގްރޮސް އެންރޯލްމަންޓް ރޭޝިއޯ ނުވަތަ ރާއްޖޭގެ މަތީ ތަޢްލީމުގައި ޢާންމުކޮށް ބައިވެރިވާ ޢުމުރުފުރައިގެ އާބާދީގެ ތެރެއިން މަތީ ތަޢްލީމް ލިބިގަންނަ އާބާދީގެ ނިސްބަތް 40 އިންސައްތައަށް ގެންދެވުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހިވަޑައިގެންފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދުނިޔޭގެ އާ އިޤްތިޞާދުގައި ކާމިޔާބު ހޯދުމަށްޓަކައި 40 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ގްރޮސް އެންރޯލްމަންޓް ރޭޝިއޯއެއް ހޯދުމަށް، ތަރައްޤީވަމުން އަންނަ ޤައުމުތައް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބައިނަލްއަޤްވާމީ އެތައް ޖަމާޢަތަކުންނާއި ޖަމްޢިއްޔާއަކުން ފާހަގަކުރަމުން ގެންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިގޮތުން ސަރުކާރުން އަޅަން ގަސްދުކޮށްފައިވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ބައްލަވައިލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭގެ ތެރެއިން އެއް އެއްކަމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އަވަހަށް ގެންނަވައި، އެ ބިލް އަވަހަށް ނިންމެވުން ކަމަށެވެ. އަދި މަތީ ތަޢްލީމަށްޓަކައި ހިންގަވަން ބޭނުންވާ އަނެއް މަސައްކަތަކީ، ސަރުކާރުގެ ތެރޭގައި ހުރި ދިރާސާ ކުރުމާ ގުޅުންހުރި މަސައްކަތްތައް ބައްލަވައި، އެމަސައްކަތްތައް ސަރުކާރުން ވަކިކުރައްވައި، ޔުނިވަރސިޓީއާ އެމަސައްކަތްތައް ޙަވާލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، މި ފިޔަވަޅުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ޞިއްޙީ ޚިދްމަތް ރަނގަޅަށް ދިނުމަށް ރާއްޖޭގައި މެޑިސިން ކިޔަވައިދޭން ފެށުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވި އެވެ. ރާއްޖޭގެ އާބާދީ އިތުރުވަމުންދާއިރު، ރާއްޖޭގައި މެޑިސިން ކިޔަވައިދޭން ނުފަށައިފިނަމަ، ޞިއްޙީ ޚިދްމަތް ފުޅާކުރުމަށް އަދި ރަނގަޅު ކުރުމަށް މުސްތަޤްބަލުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ރައީސް ބަޔާންކުރެއްވި އެވެ. ހަމައެއާއެކު، ރާއްޖޭގައި ކިޔަވައިދޭ ކޯސްތަކުގައި ކޮންމެހެން ރާއްޖެއިން ބޭރުން ހޯދަންޖެހޭ ތަމްރީނު ހޯދުމަށް ލޯނު ދޫކުރެއްވުންވެސް އެއީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެ، މިގޮތުން ނަރުސްކަމާއި، ޞިއްޙަތާ ބެހޭ އެހެނިހެން ބައެއް ތަމްރީނުތަކާއި، ރާއްޖެއިން ބޭރުން ހޯދަންޖެހޭ ކުރު މުއްދަތުގެ ތަމްރީނު ހޯދުމަށް 50 ކުއްޖަކަށް މިއަހަރު ލޯން ދޫކުރައްވާ ގޮތަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިލޯނު ދެއްވުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ދަރިވަރުންނަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އާ ދާއިރާތަކުން ޑިގްރީއަށް ކިޔަވައިދޭން ފެށްޓެވުމަކީ ވެސް މިފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެ، މިގޮތުން އާކިޓެކްޗަރ ދާއިރާއިން ޖޫންމަހު ޑިގްރީ ކޯހެއް ފަށްޓަވާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކޮންޓިޓީ ސަރވޭގެ ރޮނގުންނާއި، ޓައުން ޕްލޭނިންގެ ރޮނގުން ކޯސްތައް އެކުލަވައިލުމުގެ މަސައްކަތްވެސް މިހާރު ހިނގަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިކަމުގެ ބޭނުމަކީ މާލެއަށްވުރެ ރަނގަޅަށް ޕްރޮވިންސްތަކުގެ ޢުމްރާނީ ތަރައްޤީ ގެންދެވުމާއި، އެކަމަށް ބޭނުންވާ ހުނަރުވެރިން އުފެއްދެވުމެވެ. ހަމައެއާއެކު، ޤާނޫނީ ދާއިރާ ހަރުދަނާ ކުރެއްވުމަކީވެސް މުހިންމު ކަމެއް ކަމަށާއި، ރާއްޖޭގެ ޤާނޫނީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ޖަރުމަން ސަރުކާރުން ދެއްވާ އެހީގެ ދަށުން މަޝްރޫޢެއް އެކުލަވައިލައްވައި، އެމަޝްރޫޢު، އަންނަ އަންގާރަ ދުވަހު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.