01 Mar 2015, 12:50
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކުގެ ކައުންޓަރުތަކުން 10،000 ރުފިޔާއަށްވުރެ ދަށް އަދަދެއް އެކައުންޓަކަށް ޖަމާކުރުމާއި ނަގާނަމަ އެދިއްޖެނަމަ ފީއެއް ނަގަން ފަށައިފި އެވެ.
ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސާވިސް މޫސާ ނިމާލް "ސަން"އަށް ވިދާޅުވީ މާލޭގައި ހުރި ބުރާންޗުތަކަށް 10،000 ރުފިޔާއިން ދަށް އަދަދު ޖަމާކުރަން ނުވަތަ ނަގަން ދާ ފަރާތްތަކުގެ އަތުން ފަސް ރުފިޔާގެ ޗާޖެއް މިއަދުން ފެށިގެން ނަގާނެ ކަމަށެވެ. އަދި 640 ޑޮލަރަށްވުރެ މަދުން ޖަމާކުރަން ނުވަތަ ނަގަން ދާ ފަރާތްތަކުގެ އަތުން އެއް ޑޮލަރުގެ ޗާޖެއް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނިމާލު ވިދާޅުވީ އެގޮތަށް ފީއެއް ނެގުމުގެ މަގުސަދަކީ އެއްގޮތަކަށް ވެސް އެ ބޭންކަށް އާމްދަނީއެއް ހޯދުން ނޫން ކަމަށެވެ. އެ ބޭންކުގެ އަމާޒަކީ ސެލްފް ސާވިސް ބެންކިން ހިދުމަތް އޭޓީއެމްތައް މެދުވެރިކޮށް ބޭނުން ކުރުމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން މިހާރުވަނީ ބުރާންޗުތަކަށް ނުގޮސް ހިދުމަތް ހޯދޭނެ 25 އޭޓީއެމް ތައާރަފްކޮށްފަ އެވެ. އަދި މިއަދު އަލަށް ބާޒާރު ބުރާންޗަގައި ވެސް އެފަދަ ތިން އޭޓީއެމް އިން ވަނީ ހިދުމަތް ދޭން ފަށާފަ އެވެ.
މިދިޔަ އަހަރު ތެރޭ ތައާރަފްކުރި އޭޓީއެމްތައް މެދުވެރިކޮށް ތައާރަފުކޮށްފައިވާ ޚިދުމަތްތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމާއި ސިޓީ އުރާގައި ފައިސާ ޖަމާކުރުމުގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ޗެކް ޖަމާ ކުރުމުގެ ހިދުމަތެވެ. އަދި މިއަދު ތައާރަފު ކުރި ހިދުމަތްތަކުގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް ޔުޓިލިޓީސް ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ހިމެނެ އެވެ. އޭގެން އެއްވެސް ހިދުމަތަކަށް އިތުރު ޗާޖެއް ނުނަގަ އެވެ.
ނިމާލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބޭންކްގެ ބުރާންޗުތަކަށް ކަސްޓަމަރު އަނަން ޖެހޭނީ ވިޔަފާރީގެ ކަންކަމުގައި ނުވަތަ ލޯނު ނެގުން ފަދަ ހިދުމަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ފައިސާ ޖަމާކުރަން އަންނަ މީހުންގެ އަދަދު މަދުވުމާއެކު ބޭންކުތަކުން ދޭ އެހެނިހެން ހިދުމަތްތައް ދިނުމަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.