ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުގެ ތެރޭ، ތޫނު އެއްޗަކުން ހަމަލަދީ ޖައިލަމް މުހައްމަދު ޝާކިރު މަރާލިތާ ހަފްތާއެއް ވެގެން ދިޔައިރު ވެސް، އޭނާގެ މަރާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަށިގަނޑުގެ އެކިތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ހ. ހަންޑްރެޑްފްލާވާސް ޖައިލަމް 24، މަރާލާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެ ޒުވާނާގެ ހަށިގަނޑުގެ އެތަން މިތަނަށް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ އިރު އެންމެ ބޮޑު ޒަޚަމަކަށް ލިބިފައި ވަނީ އޭނާގެ ކަނާތް ފަރާތުން ކަރަށް ވަރަށް ފުންކޮށް ތޫނު އެއްޗެއް ހަރާފައިވުން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ޖައިލަމްގެ މަރާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު ހަތް ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލަދީ މަރާލި އަހުމަދު މަފާޒުގެ މަރަށް ތިން މަސް ވެގެން ދިޔައިރު އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރީ އެންމެ މީހެކެވެ.