ފުވައްމުލަކު ރީޖަނަލް އެއާޕޯޓް ހިންގުމާއި ސަރުކާރުން ހަވާލުވެއްޖެ ކަަމަށް ރީޖަނަލް އެއަރޕޯޓްސުން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސަމީ އަގީލް "ސަން"އަށް ވިދާޅުވީ އެއާޕޯޓް ހިންގުމާ މިއަދު ރަސްމީކޮށް ހަވާލުވެފައިވާ ކަމަށާއި އެއާޕޯޓްގެ އޮޕަރޭޝަންސްތައް ކުރިއެކޭ އެއްގޮތަށް ބަދަލެއް ނައިސް ކުރިޔަށްދާނެ ކަމަށެވެ.

"މިހާރު އެއާޕޯޓްގައި ތިބި މުވައްޒަފުންނަކީ އެސްޓީއޯގެ މުވައްޒަފުން އެ މުވައްޒަފުން ސިވިލްސާވިސް އަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް،" ސާމީ އަގީލް ވިދާޅުވި އެވެ.

ފުވައްމުލަކު އެއާޕޯޓް ހެދުމަށް 170 މިލިއަން ރުފިޔާ އެސްޓީއޯ އިން ހޭދަކޮށްފައިވާއިރު އެ އެއާޕޯޓް އޮޕަރޭޓް ކުރުމަށް އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެއާޕޯޓް މިހާރަށް ވުރެ ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސާމީ އަގީލް ވިދާޅުވި އެވެ. ފުވައްމުލަކު އެއާޕޯޓް ކުރިން ހިންގަމުން އައީ އެސްޓީއޯއިންނެވެ. މި އެއާޕޯޓް ހިންގުމާއި ސަރުކާރުން ހަވާލުވާން އެދުމުން ރައީސް ޔަމީން ވަނީ ސަރުކާރުން އެއާޕޯޓާއި ހަވާލުވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.