01 Mar 2015, 11:40
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ޕާކިސްތާނަށް ކުރައްވަން އޮތް ދަތުރުފުޅު އަނެއްކާ ވެސް ފަސްކުރައްވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރައީސްގެ ދަތުރު ފުޅު ފަސްކުރެއްވީ ދެން ވަޑައިގަންނަވާނެ ދުވަހެއް ކަނޑަނާޅުއްވަ އެވެ. އެމަނިކުފާނުގެ ދަތުރުފުޅު ކުރިން ފަސްކުރެއްވީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް ސަރުކާރުން އޭރު ބުންޏެވެ. މިދިޔަ އަހަރުގެ ޖޫން މަހު ކުރައްވަން އޮތް އެ ދަތުރު ފަސްކުރީ، ރައީސްގެ ތަރުޖަމާން ވިދާޅުވި ގޮތުގައި، އޭރު ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ދަތުރުފުޅު ލަސްކުރެއްވުމަށް ދެގައުމުގެ ސަލާމަތީ ބާރުތަކުން ވެސް ލަފާ ދީފައިވާ ކަމަށެވެ.
ނަމަވެސް "...ރައީސްގެ ދަތުރުފުޅު ކުޑަތަން ވެފައި ވާތީ ދަތުރުފުޅުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަވާ ރާއްޖޭގެ ބޭފުޅުން ވެސް ތިއްބެވީ ޕާކިސްތާނުގައި. ދެން އެބޭފުޅުން ވެސް ލަފާ އަރުއްވާފައި ވަނީ މިއީ ދަތުރުފުޅު ކުރައްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް. ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވެސް ލަފާ ދެއްވާފައި ވަނީ އެގޮތަށް،" މުއާޒް އޭރު ވިދާޅުވި އެވެ.
އެ ދަތުރުފުޅު އަލުން ފަސް ކުރެއްވި ސަބަބެއް ނޭނގެ އެވެ. ސަލާމަތީ ސަބަބުތަކާ ހެދި ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުތައް ފަސްކުރައްވައިގެން ތިއްބެވި ބައެއް ގައުމުތަކުގެ ވެރިން މިހާރު ވަނީ އެގައުމަށް ދަތުރުކުރައްވާފަ އެވެ. އެގޮތުން ތުރުކީގެ ބޮޑުވަޒީރު ވަނީ އެގައުމަށް ދަތުރުކުރައްވާފަ އެވެ.