ސިނގިރެޓް ބުއިމުގެ ސަބަބުން ފިކުރުބޮޑުވެ، ހާސްވާ މިންވަރު 70 އިންސައްތަ އިތުރުވާކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް ލަންޑަން އާއި ބްރިޓިޝް ހާޓް ފައުންޑޭޝަން ގުޅިގެން ކުރި މިދިރާސާގައި ވަނީ 6،500 މީހުންނާ ސުވާލުކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރެއިން 18 އިއްސައްތަ މީހުންނަށް ފިކުރުބޮޑުވުމާއި ހާސްވުމުގެ މައްސަލަ ދިމާވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފައިވާ މީހުންގެތެރެއިން 11.3 އިއްސައްތަ މީހުން ވަނީ މި މައްސަލަ ދިމާވާކަމަށް ބުނެފައެވެ. އެހެންނަމަވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ތެރެއިން ހާސްވުމުގެ މައްސަލަ ދިމާވާކަމަށް ވަނީ އެންމެ 10 އިންސައްތަ މީހުންނަށްކަމަށް ދިރާސާއިން ދައްކައެވެ.

މި ދިރާސާއިން ދައްކާގޮތުން ސިނގިރެޓް ބުއިން ހުއްޓާލުމަކީ ނަފްސާނީ ދުޅަހެޔޮކަން ރަނގަލުކުރުވާ ކަމެކެވެ.

" މި ދިރާސާއިން ފާހަގަވި އެއް ކަމަކީ، ސިނގިރެޓް ބުއިމުގެ ސަބަބުން ހާސްވުން ފިލާކަމަށް މީހުން ވިސްނާ ވިސްނުމަކީ ހަގީގަތެއް ނޫންކަން،" ބްރިޓިޝް ހާޓް ފައުންޑޭޝަންގެ އެސޯސިއޭޓް މެޑިކަލް ޑިރެކްޓަރު މައިކް ނެޕްޓަން، ހަފިންގްޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ނެޕްޓަށް ވިދާޅުވީ، އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެތެރެއިން ތިން ބައިކުޅަ އެއްބައި މީހުން ގަބޫލުކުރާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދިރިއުޅުމުގައި ދިމާވާ ކަންތަކުން ލިބޭ ހާސްކަން ކުޑަކޮށްދެއެވެ.

" ސިނގިރެޓް ބުއިމުގެ ސަބަބުން ހާސްވުން ކުޑަވާ ކަަމަށް ހީވާނަމަ އެއީ ކުށް ހީއެއް. ހަގީގަތަކީ ސިނގިރެޓް ބުއިމުގެ ސަބަބުން ހާސްވުން ބޮޑުވަނީ. އެކަން މި ރިޕޯޓުން ސާބިތުކޮށްދޭ،" ނެޕްޓަން ވިދާޅުވި އެވެ.