01 Mar 2015, 11:24
އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުގައި ތިބި 17 މީހުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ 17 މީހުން ދޫކޮށްލީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި ކޯޓުން އެމީހުން ދޫކޮށްލީ ބަންދުގައި ބަހައްޓަން ބޭނުންވާ ވަރަށް އެ މީހުންގެ މައްޗަށް ހެކި ލިބިފައިނުވާތީ ކަމަށެވެ.
އެ ދުވަހުގެ މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް 28 މީހުން ގެންގޮސްފައިވެ އެވެ. އެމީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ހިމެނޭ އިރު ހައްޔަރުކުރި މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ގެންދިއުމުން 10 މީހެއްގެ ބަންދަށް ދިހަ ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އޭގެ ތެެރެއިން އެކަކު ދެ މަސް ދުވަސް ވަންދެއް ސިޔާސީ އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށް ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.
އެތައް ސަަތޭކަ ބަޔަކު ބައިވެރިވި އެ މުޒާހަރާ އިރުއޮއްސި ހައެއްޖެހި އިރު ހުއްޓާލާނެ ކަމަށް ބުނެ އިއުލާން ކުރި ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ މުޒާހަރާ ހުއްޓާނުލާ އެރޭ މެންދަމާ ހަމައަށް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް މުޒާހަރާ ކޮންޓްރޯލްކޮށް ރޫޅާލުމާ ހަމައަށް ވެސް އެއް ވެސް މީހަކަށް އެ މުޒާހަރާގައި އަނިޔާވެފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.