އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑް، ލީގު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ލީޑު ނެގުނީ ސަންޑަލޭންޑުގެ އޯ ޝިއާ ޔުނައިޓެޑްގެ ރަޑަމެލް ފަލްކާއޯއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ނެވެ. އެ ޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ މެޗުގެ 66 ވަނަ މިނެޓުގައި ޓީމްގެ ކެޕްޓަން ވޭން ރޫނީ އެވެ.

ރޭގެ މެޗުގައި އެންމެ ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި ފެނިގެން ދިޔައީ ޔުނައިޓެޑަށް ޕެނަލްޓީ ދިނުމަށް ފަހު ރެފްރީ ރޮޖަރ އީސްޓް، ސަންޑަލޭންޑުގެ ނުބައި ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. ފަލްކާއޯއަށް ފައުލް ކުރި އޯ ޝިއާއަށް ކާޑު ދެއްކުމުގެ ބަދަލުގައި، ރެފްރީ ކާޑު ދައްކައި ދަނޑުން ފޮނުވާލީ ސަންޑަލޭންޑުގެ ޑިފެންޑަރު ވެސް ބްރައުން އެވެ.

އެ ހާދިސާއަށް ފަހު ދެވަނަ ހާފްގެ ބޮޑުބައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ސަންޑަލޭންޑުގެ ޑިފެންސް، ޔުނައިޓެޑް ދެވަނަ ފަހަރަށް ފޫއަޅުވާލީ 84 ވަނަ މިނެޓުގައެވެ. ޔުނައިޓެޑްގެ މިޑްފީލްޑަރު އަދުނާން ޔަނޫޖާޒް ހެދި ޝޮޓު ސަންޑަލޭންޑުގެ ގޯލްކީޕަރު ދިފާއު ކުރުމުން، ރީބައުންޑްގެ ބޭނުން ހިފައި ޔުނައިޓެޑްގެ ދެވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޫނީ އެވެ.

ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ރަނގަޅު ފޯމެއްގައި ފެށި ޔުނައިޓެޑެވެ. ނަމަވެސް ލިބުނު ކޯނަރަކުން ރޫނީ ކުރިއަށް ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒު ވާގޮތް ނުވެފައެވެ. އޭގެ އިރުކޮޅެއް ފަހުން ސަންޑަލޭންޑުގެ ވިކެމް ފޮނުވާލި ޝޮޓު ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ މަތަކުރިއިރު، ހަތްވަނަ މިނެޓުގައި ސަންޑަލޭންޑުގެ ޖާމެއިން ޑިފޯ ފޮނުވާލި ޝޮޓު ދިޔައީ ގޯލަ އަމާޒު ނުވެއެވެ.

ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، އެ ހާފްގެ އެންމެ ރަނގަޅު ފުރުސަތު، މެޗުގެ 25 ވަނަ މިނެޓުގައި ހޯދީ ޔުނައިޓެޑެވެ. ޔުނައިޓެޑްގެ ވެލެންސިޔާ ނަގައިދިން ހުރަހަކުން އެ ޓީމްގެ ޔަންގް ރަނގަޅު ހަމަލާއެއް ސަންޑަލޭންޑުގެ ގޯލަށް ފޮނުވާލިއިރު، އެ ހަމަލާ ޑިފްލެކްޓް ކޮށްލީ ސަންޑަލޭންޑުގެ ޑިފެންޑަރު އޯ ޝިއާ އެވެ.

ޔަންގްގެ ހަމަލާއާއެކު ޔުނައިޓެޑް، މެޗުގެ ސްޕީޑް އަވަސްކުރި ނަމަވެސް، ފުރަތަމަ ހާފްގައި އެ ޓީމަށް ވަނީ ސަންޑަލޭންޑުގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.