01 Mar 2015, 10:58
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ތަރައްގީ ނިމުމާއެކު 6.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާއިރު އެ އާމްދަނީ ހޯދާނީ ފީ ބޮޑުކޮށްގެން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އެއާޕޯޓުން ލިބޭ އާމްދަނީ އިތުރުކުރާނީ އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރުކޮށްގެން، ކަމަށެވެ. އައިއެންއައިއޭ އިން ދިވެހިންގެ ވިޔަފާރިތަކަށް ހުރަސް އެޅޭ ކަމެއް ނުކުރާނެ ކަމަށާއި އެހެންކަމުން އާމްދަނީ އިތުރު ކުރުމަށް ފީތައް ބޮޑުނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހި އެއާޕޯޓެއްގައި ދިވެހި ރާއްޖޭގެ ވިޔަފާރީގެ އޮފް ކެނޑޭގޮތަށް އަގުތަކެއް ނުގެންނާނެ ފުރަތަމަ ކަމަކަށް. ބޭރުގެ ފަރާތަކުން އެކަންކުރަންޏާ ނުހުންނާނެ ދެއްތޯ ދިވެހިން ދިވެހި ކުންފުއްޏެއް ދެކެވާ ލޯތްބެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ. " ...އެހެންކަމުން އެއާޕޯޓުގެ ވިޔަފާރި މެކްސިމައިޒް ކުރާނީކީ އެކި ކަންކަމުން ނަގާ ފީތައް ބޮޑުކޮށްގެނެއް ނޫން."
މިނިސްޓަރު ވިދާޅުވީ، އާމްދަނީ އިތުރުކުރުމަށް އައިއެންއައިއޭގައި ތަފާތު ވިޔަފާރިތައް އިތުރުކުރެވިގެންދާއިރު ދެ ވަނަ ރަންވޭއާއެކު ރާއްޖެއަށް އަންނަ އެއާލައިންތައް ވެސް ގިނަވެ އާ ވިޔަފާރިތައް އުފެދިގެން އަންނާނެ ކަމަށެވެ. ހަމައެހެންމެ ޑިއުޓީ ފްރީ ފިހާރަތައް ބޮޑުތަން އިތުރުވެގެން ދިއުމަކީ ވެސް އާމްދަނީ އިތުރުވާނެ ކަންކަންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް ބްރިޖުން ގުޅެނީ. ގުޅުނީމަ އަދި އެއާޕޯޓްގައި މިހަދީ އެފްއެންބީ ވިންގެއް. އާންމުކޮށް މިސާލަކަށް އެތަނުގައި އުޅޭނެ ފާސްޓުފުޑް އައުޓްލެޓްތައްވެސް ސޮޕިންތައްވެސް. ހަމަ މާލެއިން މީހުން ގޮސްގެންވެސް ވިޔަފާރި ކުރާނެ ދެއްތޯ؟ ހަމައެހެންމެ އެއާޕޯޓް ބޮޑުވެގެންދާއިރު ޑިއުޓީ ފްރީ މިހާރު އިން ވަރަށްވުރެ ތިން ގުނަ ބޮޑުވެގެން އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެއާޕޯޓް ފަދަ ދިވެހި ރާއްޖޭގެ ތަރައްގީއާއި ގުޅިފައިވާ މަޝްރޫތައް ކުރިއަށްގެންގޮސް މެނޭޖް ކުރާނީ ދިވެހި ސަރުކާރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، 2017 ވަނަ އަހަރު ނިމެންވާއިރު ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭވަރުގެ އެއާޕޯޓެއް ގާއިމް ކުރެވިގެންދާނެ ކަމަށާއި އޭރުން އެއާޕޯޓަށް 6.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. އެ އަދަދު 2021 ވަނަ އަހަރު 7.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.