16 Feb 2011, 08:26
ފަސް މަހަށް ފަހު އެންޓޯނިއޯ ވެލެންސިއާ ފަރިތަކުރުން ފެށިއިރު މެންޗެސްޓާ ޔުނައިޓެޑްގެ ސައުތު ކޮރެޔާ މިޑްފީލްޑަރު ޕާކަ ޖީ ސުން މަހަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ހުސްވި މަހު ނިމުނު އޭޝިއަން ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޕާކް، 29، ކުޅުމާ ދުރަށް ދާން ޖެހުނީ ހާމްސްޓްރިން ހަލާކުވުމުންނެވެ. މީގެ ސަބަބުން ޗެމްޕިއަންސް ލީގުގެ މެޗުތަކާއި ވާދަވެރި ލިވަޕޫލާއެކު އަންނަ މަހު މެންޗެސްޓާ ކުޅޭ މެޗު ވެސް އޭނާ އަށް ގެއްލޭނެ އެވެ.
ޕާކް އަކީ މި ސީޒަނުގައި މެންޗެސްޓާ އަށް މުހިންމު ލަނޑުތަކެއް ޖަހައިދެމުން އަންނަ ކުޅުންތެރިއެކެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވެނީ އޭނާގެ ގޯލަކުން އެފްއޭކަޕުން ލިވަޕޫލް ކަޓުވާލުމެވެ.
ވެލެންސިއާ ކުޅެން ނުކުތް ނަމަވެސް އޭނާ އަދި ފަރިތަކުރަމުންދަނީ ރިޒާވް ޓީމާއެކުގަ އެވެ. އިކުއެޑޯގެ ވަރުގަދަ މިޑްފީލްޑަރުގެ ފައި ބިނދުނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ޗެމްޕިއަންސް ލީގުގައި ރޭންޖާސްއާ ކުޅެ ލަނޑެއް ނުޖެހި މެންޗެސްޓާ އެއްވަރުވި މެޗުގަ އެވެ.