ސްޕެނިޝް ލީގުގައި ރޭ ގްރެނޭޑާއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގު ތާވަލް ލީޑު ކުރަމުންދާ ރެއާލް މެޑްރިޑާ އެއް ޕޮއިންޓް ގާތަށް ބާސެލޯނާ ޖެހިލައިފި އެވެ.

ރޭގެ ކާމިޔާބީއާއެކު ބާސާއަށް މިހާރު ލީގުގައި މުޅިއެކު 59 ޕޮއިންޓް ލިބިފައި ވާއިރު، ތާވަލްގެ އެއްވަނައިގައި ރެއާލް އޮތީ 60 ޕޮއިންޓާއެކު އެވެ. ނަމަވެސް ލީގުގައި މިހާތަނަށް ބާސާ 25 މެޗު ކުޅުނުއިރު، ރެއާލް ކުޅެފައި ވަނީ 24 މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ވަގުތުކޮޅު ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ބާސާ، މެޗުގެ ލީޑު ނެގީ 25 ވަނަ މިނެޓުގައި އިވާން ރަކިޓިކް ކާމިޔާބުކުރި ލަނޑުންނެވެ. ބާސާ ލީޑު ނެގުމުން ގްރެނޭޑާ ކުޅުން ރަނގަޅުކޮށް، ރަނގަޅު ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ފުރަތަމަ ހާފްގައި އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި، ހާފްގެ ފަހު ކޮޅު އެ ޓީމްގެ މާކުއޭޒް ނެގި ޝޮޓު ދިފާއު ކޮށްފައި ވަނީ ބާސާގެ ކީޕަރު ބްރާވޯ އެވެ.

ފުރަތަމަ ހާފްގައި ރަނގަޅު ޑިފެންސިވް އުކުޅުތަކެއް ގެންގުޅުނު ގްރެނޭޑާ ވަނީ ބާސާގެ ނުރައްކާތެރި ހަމަލާތައް ހިފައްޓާލާފައެވެ. ނަމަވެސް ދެވަނަ ހާފް ބާސާ ފެށީ، އިތުރު ލަނޑަކާއެކު އެވެ. ބާސާގެ ފޯވާޑް ލައިންގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ލުއިސް ސުއަރޭޒް ބާސާއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ ދެވަނަ ހާފް ފެށިތާ ތިން މިނެޓުތެރޭގައެވެ.

ގްރެނޭޑާއަށް މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 53 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ފްރެން ރީކޯ އެވެ. އެ ލަނޑާއެކު ގްރެނޭޑާ ވަނީ ކުރިއަށް ޖެހިލައި މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ދެވަނަ ހާފްގައި ސުއަރޭޒް ކާމިޔާބު ކުރި ލަނޑާއެކު ކުޅުމުގެ ސްޕީޑް ދަށްކޮށް ފެނުނު ބާސާއަށް ވަނީ ގްރެނޭޑާގެ ލަނޑާއެކު މާ ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތް ނުވެފައެވެ. ނަމަވެސް ސުއަރޭޒް ދިން ބޯޅައަކުން މެޗުގެ 70 ވަނަ މިނެޓުގައި ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް، އެ ޓީމްގެ ތަރި ލައޮނަލް މެސީ ވަނީ ގްރެނޭޑާގެ އުންމީދުތައް ފަނޑު ކޮށްލާފައެވެ.

ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓުތެރޭ ގްރެނޭޑާ އުފެއްދި ހަމަލާއެއްގައި، ބާސާ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމްގެ މަޝަރާނޯ އަތުގައި ބޯޅަ ޖެހުމުން ގްރެނާޑާ ވަނީ ޕެނަލްޓީއަކަށް އެޕީލް ކޮށްފައެވެ. ނަމަވެސް ރެފްރީ އެ އެޕީލް ބަލައިގެންފައެއް ނުވެއެވެ.

ބާސާ ދެ ލަނޑުގެ ލީޑެއް ނެގުމުން ގްރެނޭޑާ ހިތްވަރު އެލިގެން ދިޔަތަން ފެނުނުއިރު، މެޗުގެ ފަހު ވަގުތުކޮޅު ގޭމް ކޮންޓްރޯލް ކުރަމުން ދިޔައީވެސް ބާސާ އެވެ. އަދި މެޗުގެ އެ ވަގުތުކޮޅު ބާސާގެ ނޭމާ، މެސީއަށް ދެ ފުރުސަތެއް ތަނަވަސްކޮށްދިން ނަމަވެސް، އޭނާއަށް ވަނީ ބަސާއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދެވޭގޮތް ނުވެފައެވެ.