ޣައްޒާ ސިޓީ (މާޗް 01): ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި މިސްރުގެ ކޯޓަކުން ކުރި ހުކުމަކީ މިސްރުގެ ދުޝްމަނުން ރަޙްމަތްތެރިންނަށް ހަދައި މިސްރު ރައްޔިތުންގެ އަޚުން ދުޝްމަނުންނަށް ހެދުމުގެ ލަދުވެތި ހުކުމެއް ކަމަށް ޙަމާސް އިން ސިފަކޮށްފި އެވެ.

ހަމާސްގެ ތަރްޖަމާން ސާމީ އަބޫޒުހްރީ ވިދާޅުވީ، މިސްރުގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުން ޖައްސައި، ދުޝްމަން ކުރުވުމުގެ މި ހުކުމް މިސްރުގެ ރައްޔިތުން ގަބޫލުނުކުރާނެ ކަމަށާއި މިސްރުގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމުގައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އެންމެ ބޮޑަސް ގުރްބާންވެފައިވާ އެއްބަޔަކީ މިސްރު ރައްޔިތުން ކަމަށްވެސް ޒުހްރީ ވިދާޅުވި އެވެ.


ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޙަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްސިފަކޮށް މިސްރުގެ ކޯޓަކުން އިއްޔެ ކުރި ހުކުމާ ދެކޮޅަށް ފަލަސްތީނުގެ އެތަށް ހާސްބަޔަކު ޣައްޒާގައި އިއްޔެވަނީ މުޒާހަރާވެސް ކޮށްފައެވެ. މުޒާހަރާކުރި މީހުން ވަނީ މިއީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ އަމުރަށް ކޮށްފައިވާ ހުކުމެއް ކަމަށް ސިފަކޮށް ސީސީ އާ ދެކޮޅަށް އަޑުއުފުލާފައެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ހަރުކަށި ފިޔަވަޅުތައް ދެމެހެއްޓުމުގައިވެސް އިސްރާއީލަށް ވާގިވެރިވަނީ މިސްރުންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކުންވެސްވަނީ މިސްރުގެ ކޯޓުގެ މި ހުކުމަށް ނުރުހުން ފާޅުކޮށް މިއީ މިސްރުގެ ރައްޔިތުން ލަދުވެތިވާނެޖެހޭފަދަ ހުކުމެއް ކަމަށް ސިފަކޮށްފައެވެ. މިސްރުގެ ކޯޓަކުން ޙަމާސް އާ ދެކޮޅަށް މިގޮތަށް ހުކުމްކުރީ ޙަމާސް އާއި މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާ ދެމެދު ފިކުރީގުޅުންތަކެއް އޮންނާތީ އިޚްވާންޖަމާއަތް އެކަހެރިކޮށް އެޖަމާއަތް ނައްތާލުމަށް ސީސީގެ ސަރުކާރުން ކުރަމުންގެންދާ ސިޔާސީ އެޖެންޑާއެއްގެ ދަށުން ކަމަށްވަނީ ބެލެވިފައެވެ.

އިޚްވާން ޖަމާއަތަކީވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުގެ ދާޚިލީ ވުޒާރާއިން ކަނޑައެޅުމާ ގުޅިގެން މިސްރުގެ ކޯޓަކުންވަނީ އެއީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ހުކުމްކޮށްފައެވެ.

މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއަކީ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ގާނޫނީ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމުގައި އިސްކޮށްހުންނެވި ފަރާތެވެ. އަސްކަރީ އިންގިލާބަށްފަހު އެއްވެސް ޝަރީއަތަކާނުލައި މިސްރުގެ ސަރުކާރުންވަނީ މުރުސީ ޖަލުގައި ހައްޔަރުކޮށްފައެވެ. (އަލްޖަޒީރާ)