01 Mar 2015, 10:08
ވޮޝިންޓަން (މާޗް 01): އީރާނުގެ ނިއުކްލިއަ މައްސަލަ ހައްލު ކުރުމަށްޓަކައި އެގައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު ކުރިޔަށްދާ ވާހަކަތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް، މި ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ޑިޕްލޮމޭޓަކު ހާމަކުރައްވައިފި އެވެ.
އީރާނުގެ ނިއުކްލިއަ ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ޓީމުގައި ހިމެނޭ ފަންނީ ތަޖްރިބާކާރެއްކަމަށްވާ ވިންޑީ ޝާމެން އާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ނިއުކްލިއަ މައްސަލައިގައި އީރާނާއި އެމެރިކާއާދެމެދު މި މާޗް މަހުގެ ތެރޭގައި އެއްބަސްވުމެއް ގާއިމް ކުރުމުގެ ފުރުސަތު މިހާރުވަނީ 70 އިންސައްތައަށް ބޮޑުވެފައެވެ. މިގޮތުން އީރާނުގެ ނިއުކްލިއަ މައްސަލައާގުޅޭ ފަންނީ ގިނަ ކަންތައްތަކެއް ޙައްލުކުރާނެ އުސޫލުތަކަކަށް މިވާހަކަތަކުގައި ބައިވެރިވާ އީރާނާއި އެމެރިކާގެ ވަފްދުން އެއްބަސްވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީރާނުގެ ނިއުކްލިއަ ވާހަކަތަކަކީ ނަތީޖާ ނެރެން އުނދަގޫ އަދި އެހެންގައުމުތަކުގެ މަސްލަޙަތުތަކާ ގުޅިލާމެހިފައިވާ ވާހަކަތަކެއް ކަމަށްވެސް ޝާމެން ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިއަ ވާހަކަތަކުން އެމެރިކާ ޙާސިލްކުރަންބޭނުންވާ މަގްސަދަކީ ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ އެއްވެސް ފުރުސަތެއް އީރާނަށް ނުލިބޭނެފަދަ އެއްބަސްވުމަކާ ހަމައަށްދިޔުމެވެ. ނަމަވެސް އދ.ގެ ބެލުމުގެ ދަށުން މަދަނީ ނިއުކްލިއަ ޕްރޮގްރާމެއް ކުރިޔަށްގެންދިޔުމުގެ ފުރުސަތު އީރާނަށްއޮތުން މިއެއްބަސްވުން ހުރަސްނާޅާނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިން ކުރިން ވިދާޅުވެފައިވެއެވެ.
އީރާނުގެ މަގްސަދަކީ އެގައުމުގެ ނިއުކްލިއަ ޕްރޮގްރާމްގައި ނިއުކްލިއަ ހަތިޔާރު އުފެއްދުން ނުހިމެނޭކަން އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކަށް ކަށަވަރުކޮށްދިނުމާއި އެގައުމުގެ މަދަނީ ނިއުކްލިއަ ޕްރޮގްރާމަށް ހުޅަނގުގެ އިޢްތިރާފް ހޯދުމުގެ އިތުރުން މިމައްސަލައިގައި އެގައުމާ ދެކޮޅަށް ހުޅަނގުންނާއި އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމެވެ.
ނިއުކްލިއަ މައްސަލައިގައި އީރާނާއި އެމެރިކާ އެއްބަސްވުމަކަށް އަތުވެދާނެކަމުގެ ބިރު އިޙްސާސްކުރާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާއާއި އިސްރާއީލު ހިމެނެއެވެ. މިފަދަ އެއްބަސްވުމެއްގެ ސަބަބުން އީރާނުގެ ބާރާއި ނުފޫޒު މެދުއިރުމަތީގައި އާދަޔާ ޚިލާފަށް އިތުރުވެގެންދާނެ ކަމުގެ ބިރު ސައޫދީ އަރަބިޔާ އިޙްސާސްކުރާއިރު މިފަދަ އެއްބަސްވުމެއްގެ ދަށުން ލިބޭ އިގްތިސާދީ ފުރްސަތުތަކުގެ ބޭނުންކޮށްގެން އިގްތިސާދީގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އިސްރާއީލަށް ގޮންޖަހާލެވޭފަދަ ސަރަހައްދީ ބާރެއްގެ ގޮތުގައި އީރާން ފާޅުވެގެންދާނެ ކަމުގެ ބިރު އިސްރާއީލު އިޙްސާސްކުރެއެވެ. އަދި މިފަދަ އެއްބަސްވުމެއް ވުޖޫދަށް އައިސް އީރާނާ އެމެރިކާއާ ދެމެދު އިތުބާރު އުފެދިއްޖެނަމަ އަސްކަރީ ގޮތުން ބިރުދެއްކުމާއި އިގްތިސާދީގޮތުން އީރާން ޙިސާރު ކުރުމަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައިސް އީރާނާ ކުރިމަތިލުމުގައި އިސްރާއީލު އެކަހެރި ވެގެންދާނެކަމުގެ ބިރުވެސް އިސްރާއީލު އިޙްސާސް ކުރެއެވެ.
މީގެއިތުރުން އެމެރިކާއާއި އީރާނާ ދެމެދު މިފަދަ އެއްބަސްވުމެއް ގާއިމް ކުރެވިއްޖެނަމަ ގަލްފުގައިވާ އެމެރިކާގެ މަސްލަޙަތުތައް ޙިމާޔަތް ކުރުމުގައި ސައޫދީ އަރަބިޔާއަށް އެމެރިކާ ބަރޯސާކުރާ މިންވަރު ކުޑަވެގެންދާނެ ކަމުގެ ބިރު ސައޫދީންވެސް އިޙްސާސްކުރެއެވެ. (ނޫސްއެޖެންސީތައް)