ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއަށް ޖަވާބުދާރީވުމަށް އަނެއްކާވެސް ތިން ދުވަހުގެ ފުރުސަތެއް ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ފުރުސަތު އިބްރާހީމް ދީދީއަށް ދީފައި ވަނީ ދައުވާ އަށް ޖަބުދާރީވާން އިތުރު ފުރުސަތަކަށް އޭނާގެ ގާނޫނީ ވަކީލު މުހައްމަދު ފަރީދު އެދިވަޑައިގަތުމުންނެވެ.

އިބްރާހީމް ދީދީގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އޭނާ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރުގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ ގުޅިގެން އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިބްރާހީމް ދީދީ ވިދާޅުވީ، އެއީ ސިޔާސީ ދައުވާއެއް ކަމަށާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ޓެރަރިސްޓު އަމަލުހިންގާ މުއައްސަސާއެއް ކަމަށް ދެކެވަޑައިގަތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

އެ ދައުވާއަކީ 3 ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާއިން ގައުމު ސަލާމަތްކުރަން އޭނާ އުޅުމުން ދިންހަދިޔާއެއްތޯ ވިދާޅުވެ އިބްރާހީމް ދީދީ ވަނީ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފައްދަވައިފައެވެ. އަދި ސިފައިންނަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށްފައި އޮންނަނީ އިސްލާމްދީނުގެ ކޮން މަޒުހަބެއްގައި ތޯ ކަމަށް ވިދާޅުވެ އޭނާ ވަނީ ދައުލަތާ ސުވާލުކުރައްވައިފައެވެ.