އެޗްއާރުސީއެމްގެ ނައިބު ރައީސް އަހުމަދު ތޮލާލު ފުލުހުންނާ ދިމާއަށް " ތިއީ ބާޣީންނޭ" ބުނިކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ މައްސަލަ އެކޮމިޝަނުން ޕޮލިސް އިޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

"ތިއީ ބާޣީންނޭ" ބުނިކަމަށް ފުލުހުން ތުހުމަތު ކުރުމުގެ ސަބަބުން އެޗްއާރުސީއެމާއި އެކޮމިޝަނުގެ ނައިބު ރައީސް ތޮލާލުގެ އިތުބާރުގެއްލި ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތަށް ހުރަސް އެޅޭގޮތަށް ހަބަރުފެތުރެމުން ދިއުމުގެ ސަބުން ކޮމިޝަނުގެ އިތުބާރު ގެއްލެމުންދާތީ އެޗްއާރުސީއެމުން ހިތާމަ ކުރާކަމަށް ބުނެ އެ ކޮމިޝަނުން ވަނީ ބަޔާނެއް ނެރެފައެވެ. އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުލުހުންނަށް އަމާޒުވާގޮތަށް ތޮލާލު ބާޣީންނޭ ބުނެފައި ނުވާކަމަށް އެކޮމިޝަނުން ބެލިބެލުމުން އެނގޭ ކަމަށެވެ.

އަދި ފުލުހުން ތޮލާލުގެ މައްޗަށް ކޮށްފައިވާ ދޮގު ތުހުމަތާއި ގުޅިގެން ތޮލާލާއި އާއިލާއަށް "ބިރުދެއްކުމުގެ ފޯނުކޯލުތަކާއި މެސެޖްތަށް ލިބެންދާތީ" އެކަން އެޗްއާރުސީއެމުން ވަނީ ކުށްވެރިކޮށްފައެވެ.

"މިފަދަކަމެއް ހިނގާފައިވާނަމަ ހިނގާފައިވާގޮތެއް ރަގަޅަށް ބެލުމެއް ނެތި ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ތޮލާލާއި އަދި މި ކޮމިޝަން ބަދުނާމުވާގޮތަށް ހަބަރު އާންމުކޮށްފައި ވާތީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް މިމައްސަލަ ތަހުގީގުކޮށް ދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގައި މިކޮމިޝަނުން މިހާރު ވާނީ އެދިފައި،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އިން ބުނެފައިވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުގައި ބަހައްޓާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު، މާލެ ވަޑައިގަތް ލޯންޗްމަތީގައި ތޮލާލް ފުލުހުންނާ ދިމާއަށް "ތިއީ ބާޣީންނޭ" ބުނެ ދިމާކުރައްވާފައިވާ ކަމަށެވެ. ފުލުހުން މިހާރު ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައެވެ.