16 Feb 2011, 08:11
ބެންޣާޒީ : ލިބިޔާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެޤައުމުގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ބެންޣާޒީގައި އިއްޔެ ބޭއްވި އެއްވުމެއް ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފިއެވެ. މިއެއްވުމުގައި ބައިވެރިވި ފަރާތްތަކާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި މަދަނީ ހެދުމުގައި ތިބިފުލުހުންވެސް އެއްވުން ރޫޅާލުމަށްޓަކައި ހޫނުފެނާއި ލަޓީބުރިއާއި ކަރުނަގޭސް ބޭނުންކުރިއެވެ. ނަމަވެސް އިތުރު ތަފްސީލެއް އެނގިފައެެއް ނުވެއެވެ.
ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ދިގުލީ ވެރިކަމާ ދެކޮޅަށް އަޑުއުފުލާ ލީބިޔާގެ އެކްޓީވިސްޓުން ވަނީ މިމަހުގެ 17 ވަނަދުވަހު ލީބިޔާގެ ބޮޑެތި ރަށްތަކުގައި ޤައްޒާފީގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާތަކެއް ބޭއްވުމަށް ގޮވާލާފައެވެ. ލީބިޔާގެ އިސް ޝަޚްސިއްޔަތުތައް ކަމަށްވާ ޤާނޫނީ ވަކީލުންނާއި ސަރުކާރުގެ މުވައްޒަފުންނާއި ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި ޑޮކްޓަރުންނާއި ފަންނާނުންނާއި ސިފައިންގެ ތެރޭން މުސްކުޅި ކުރައްވާފައިވާ އޮފްސަރުންނާއި ކުރީގެ ޑިޕްލޮމޭޓުން ގެ ތެރޭން 213 މީހަކުވަނީ ގައްޒާފީ ސުލްޙަވެރިކަމާއެކު އިސްތިއުފާދެއްވުމަށް އެދި ލިޔެފައިވާ ބަޔާނެއްގައި މިހަފްތާގެ ކުރީކޮޅު ސޮއިކޮށްފައެވެ.
ދާދިފަހުން ރައްޔިތުންގެ އިންޤިލާބުތައް ގެނައި ތޫނިސްއާއި މިސްރަކީ ލީބިޔާއާ އެއްގަމުމަގުން ގުޅިފައިވާ އަވަށްޓެރި ދެޤައުމެވެ. ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީއަކީ ޢަރަބި ދުނިޔޭގެ ވެރިންގެ ތެރެއިން މިހާރު އެންމެ ދިގުމުއްދަތެއްގައި ވެރިކަމުގައި ހުންނަވާ ލީޑަރެވެ. ޤައްޒާފީގެ ވެރިކަމަށް މިހާރުވަނީ 41 އަހަރު ފުރިފައެވެ. -- އަލްޖަޒީރާ