28 Feb 2015, 21:39
ގާނޫނުއަސާސީ ހިމާޔަތް ކުރުމަށް ކަމަށްބުނެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ފެށި ސިޔާސީ ހަރަކާތުގެ ފޯކަސް ބަދަލު ކުރުމަށް ނިންމާފައިވާކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.
އެދެޕާޓީ ގުޅިގެން މިއަދު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، އެ ދެޕާޓީން ގުޅިގެން ކުރިއަށްގެންދާ ސިޔާސީ ހަރަކާތުގެ ފޯކަސް މިރެއިން ފެށިގެން ބަދަލު ކުރުމަށް ނިންމާފައިވަނީ "ސިޔާސީ ކުށްވެރިން" ދޫކޮށްލަން ޑިމާންޑު ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތް އަޅުގަނޑުމެންގެ ދެޕާޓީ އެކުގައި ކުރާ މަސައްކަތުގެ މައިގަނޑު ފޯކަސް އަޅުގަނޑުމެން މިރެއިން ފެށިގެން ބަދަލުކުރާ ވާހަކަ އަޅުގަނޑުމެން ނޫސްވެރިންނާއި ހިއްސާކޮށްލަން ބޭނުން. މައިގަނޑު ފޯކަސް އަޅުގަނޑުމެން މި ހިފަނީ އަޅުގަނޑުމެން މިމަސައްކަތުގައި ހަރަކާތްތެރިވަނިކޮށް އަދި އެހަރަކާތުގެ ތެރޭގައި މިއަދާއި ހަމައަށް ބައިވަރު ބޭބޭފުޅުން އެތިބީ ހައްޔަރުކޮށްފައި، ވަކިން ހާއްސަކޮށް ސިޔާސީ ބޮޑެތި ބޭބޭފުޅުން ދޫކޮށްލުމަށް ހިންގާ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެން ހަރަކާތް ގެންދިއުން،" ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒު ވިދާޅުވީ، އެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 40 މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ފުލުހުން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ޝިފާޒު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި އެދެޕާޓީން ހިންގީ ސިޔާސީ ސުލްހަވެރި ހަރަކާތްތަކެއް ކަމަށެވެ. އެކަންކަން ފުލުހުންނާއި ހިއްސާކުރަމުން އަންނަ ކަމަށާއި ނަމަވެސް މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލު ކުރާ އުސޫލްތަކަކީ ގަބޫލް ކުރެވޭ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް އެގްޒެކްޓިވް، ސޮޮބާހު ރަޝީދު ވިދާޅުވީ، އިއްޔެކުރި ޑިމާންޑްތަކަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ސަރުކާރުން ބުނެފައިވާކަމަށާއި އެއިން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ކަމަށެވެ.